Last Updated: March 29, 16:28
Friday, March 29, 2024
ދުނިޔެ

ޢިރާޤު ސަރުކާރާ ދެކޮޅު މުޒާރާތައް ވަރުގަދަ ވަނީ

އިރާޤުގެ ސަރުކާރާއި ދެކޮޅަށް އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ މީގެ 6 ދުވަސް ކުރިން ފެށި މުޒާހަރާތައް ވަރުގަދަވާން ފަށައިފިއެވެ.

އިރާގު ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފެށީ އާންމު ހިދުމަތްތަކުގެ ފެންވަރު ދަށްވުމާއި ކޮރަޕްޝަންގެ މައްސަލަތަކާއި އަދި ވަޒީފާގެ ފުރުސަތުތައް ނުލިބޭތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.

މުޒާހަރާތައް ވަރުގަދަ ވެފައިވާއިރު އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިރާގުގެ ކަރުބަލާގައި ހުރި ސަރުކާރު އޮފީހެއްގެ ތެރެއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ވަދެގެންފައެވެ. އިރާގުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާއި އެގައުމުގެ ސަލާމަތީ ބާރުތަކާއި ދެމެދު ވެސް ވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައެވެ.

މި ހަމަނުޖެހުންތަކުގައި އާންމުންގެ ތިން މީހަކު މަރުވެފައިވާއިރު، ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ވަނީ އަނިޔާވެފައެވެ.

އިރާގުގައި ހިނަގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ނަޖަފުއާއި ބަސަރާގައި އިރާގު ސަރުކާރުން ވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި އިރާގުގެ ސަރުކާރުން ވަނީ މުޒަހަރާތަކާއި ގުޅިގެން އެގައުމުގެ ހުރިހާ ހިސާބެއްގައި ސަލާމަތީ ބާރުތައް އެލާޓަށް ގެނެސްފައެވެ.

މުޒާހަރާތައް އެންމެ ވަރުގަދަ ވެފައިވަނީ ތެލުގެ ވިޔަފާރިން އިރާގަށް ލިބޭ އާމުދަނީގެ 95 އިންސައްތަ އަށް ވާ ތެޔޮ އުފައްދާ ބަސަރާގައެވެ. އެހެންވެ އެ ސަހަރައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިރާގު ސަރުކާރުން ވަނީ ޚާއްސަ ފިޔަވާޅުތަކެއް ވެސް އަޅާފައެވެ.

އެގޮތުން އިރާގުގެ ބޮޑުވަޒީރު އަދި އެގައުމުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރު ހައިދަރް އަލްބާދީ ވަނީ އިރާގުގެ ކައުންޓަރ ޓެރަރިޒަމް ސާވިސް އާއި އަސްކަރިއްޔާގެ 9 ވަނަ ޑިވިޝަންގެ ސިފައިން ބަސަރާގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ނެރެފައެވެ.