Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކެމިކަލް ޕްލާންޓެއް ގޮވައި 19 މަރު

ޗައިނާގެ ދެކުނުގައި އޮންނަ ޝައުބާގެ ސިޝުއާން ޕްރޮވިންސްގެ ވެރިރަށް ޝެންގްޑޫގައި ހުރި ކެމިކަލް ރައްކާކުރާ ޕްލާންޓެއް ގޮވުމުގެ ސަބަބުން 19 މީހަކު މަރުވެއްޖެއެވެ.

ފާއިތުވި ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި 12 މީހަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ޗައިނާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި ކެމިކަލް ރައްކާކޮށްފައި ހުރި އިމާރާތްތައް އެއްކޮށް ވަނީ އަނދާ ހުލިވެފައެވެ. ކެމިކަލް ރައްކާކޮށްފައި ހުރީ ޖެހިޖެހިގެން ހަދާފައި ހުރި 3 ބުރީގެ ތިން އިމާރާތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގޮތުގައި ކެމިކަލް ޕްލާންޓް ހުރި އިމާރާތުގައި ވަރުގަދަ ގޮވުންތައް ގޮވާފައިވާއިރު އޭގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ޒިންހުއާ އިން ބުނެފައިވާ ގޮތުގައި މި ހާދިސާގެ ތަހުގީގެއް ކަމާއި ބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށާފައެވެ.

ކެމިކަލް ރައްކާކުރާ ކާރުޚާނާތަކާއި ކޯލް މައިނުތަކުގައި މިފަދަ ހާދިސާތައް ހިނގުމަކީ ޗައިނަގައި ވަރަށް އާއްމު ކަމެކެވެ. އެހެންވެ އެހާދިސާތައް މަދުކުރުމަށް ޗައިނާ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.