Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ނަވާޒްގެ ގޮޅީގައި އޭސީއަކާއި އެނދެއް ނެތިގެން މައްސަލަ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ޖަލުގައި ވަނީ ވަރަށް ހިތްދަތި ހާލު ޖައްސާފައި ކަމަށް އެބޭފުޅާގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.

ނަވާޒް ޝަރީފް އާއި އޭނާގެ އަންހެން ދަރިކަނބަލުން މަރިޔަމް ނަވާޒް ވެސް ވަނީ ހައްޔަރުކޮށްފައި ވަނީ ލަންޑަނަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ޕާކިސްތާނަށް ވަޑައިގަތުމާ އެކު ލާހޯރު އެއާޕޯޓުންނެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ނަވާޒް ޝަރީފްގެ ވަކީލުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ނަވާޒް ޝަރީފް ބަހައްޓާފައި ހުރި ގޮޅީގައި އޭސީއެއް އަދި އެނދެއް ވެސް ނެތެވެ. އަދި އޭނާއަށް ނިދަން ދީފައި ވަނީ ބިންމަތީގައި އަޅާފައިވާ ގޮދަނޑިއެއް ކަމަށް ބުނެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ނަވާޒް ޝަރީފަށް ދީފައިވާ ވަކީލު ބައްދަލުވުމުގެ ވަގުތު ކުޑަކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ.

ލަންޑަނުން ގަތް ހަތަރު ލަގްޒަރީ ފްލެޓާ ގުޅިގެން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުވާ ކަމަށް ބުނެ، އޭނާ 10 އަހަރަށް ޖަލަށް ލާން އެޤައުމުގެ ކޯޓަކުން ހުކުމްކުރީ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ހުކުމް ކުރި އިރު ނަވާޒް ޝަރީފް އާއި އޭނާގެ ދަރިކަނބަލުން ތިއްބެވީ ލަންޑަނުގައެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ނަވާޒް ޝަރީފުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެނބުރި ޤައުމަށް ވަޑައިގެންނެވި އިރުވެސްޖަލަށް ލާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ނަވާޒް ޝަރީފް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެނބުރި ގައުމަށް ވަޑައިގެންނެވީ "ރައްޔިތުންނަށްޓަކައި" ކަމަށެވެ.