Last Updated: April 24, 17:03
Wednesday, April 24, 2024
ޚަބަރު

އެމްޑީޕީގެ ދުވަސްވީ ސަޕޯޓަރަކަށް "ކުއްތާ" އަށް ގޮވައިފި

ފުވައްމުލަކު ސިޓީ، ހުވަނދަގެ މާލެގަން އަބްދުﷲ: އޭނާ އަކީ ފުވައްމުލަކުގެ ގިނަ ބަޔަކު އިޙްތިރާމް ކުރާ މީހެއް.

ފުވައްމުލަކު ސިޓީއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމް ވަޑައިގެންނެވި ދުވަހު މުޅިން ރީދޫ ކުލައިގެ ހެދުމުގައި ހުރި ދޮށީ އުމުރުގެ މީހަކަށް ޕީޕީއެމްގެ ސަޕޯޓަރުން ހުތުރު ބަސްތަކެއް ރައްދުކޮށްފިއެވެ.

އިބޫ އާއި ފައިސަލް ފުވައްމުލަކަށް ވަޑައިގެންނެވި އިރު އެބޭފުޅުންނަށް މަރުޙަބާ ކިޔުމަށް ދޮށީ އުމުރުގެ ފިރިހެނެއް ކަމުގައިވާ ފުވައްމުލަކު ސިޓީ، ހުވަނދަގެ މާލެގަން އަބްދުﷲ ދިޔައީ "ރީނދޫ ކިޓް"ގައެވެ. އޭނާ ލައިގެން ހުރި ގަމީހާއި ފަޓްލޫންގެ ކުލައަކީ ވެސް ރީނދޫ ކުލައެވެ.

އަބްދުﷲ މުޅިން އެއްކޮށް ރީދޫ ކުލައިގައި ހެދުމެއްގައި ހުރުމުން އެކަމާއި ބެހޭގޮތުން ފުވައްމުލަކުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ހިންގާ "R Y 2018 FVM" ވައިބާ ގްރޫޕްގައި ވަނީ ބަހުސްކޮށްފައެވެ. އެ ވައިބަރ ގްރޫޕަށް ފޮނުވާފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިޔާގައި ވަނީ އާއްމުވެފައެވެ.

އެ މެސެޖުތަކުން ހާމަވާ ގޮތުގައި، 'ޝަނީޒް' ކިޔާ މީހަކު ވަނީ، އެމްޑީޕީން (ދޮށީ އުމުރުގެ) ބޭފުޅުންގެ ބޯ ކާލާފައި ކަމަށާއި އަދި އެމްޑީޕީ އަކީ އެކަހަލަ ޖަޜީމާ ހިންގާ ބައެއް ކަމަށް ބުނެ މުސްކުޅިންނަށް އިހްތިރާމް ކުރުމަށް އެދިފައެވެ. އޭނާގެ މިވާހަކަތަކާއި ގުޅިގެން 'ނަޖީބު'ގެ ނަމުގައި އެ ގްރޫޕަށް މެސެޖް ކުރި މީހަކު ބުނެފައިވަނީ "މުސްކުޅިންނަށް އިހްތިހާމް ކުރާ ކަމަށާއި އެކަމަކު ޖާހިލުންނަށް އިހްތިރާމް ނުކުރާ" ކަމަށް ބުނެފައެވެ.

އޭގެ ފަހުން އެ 'ނަޖީބު'ގެ ނަމުގައި މެސެޖް ފޮނުވި މީހާ ބުނެފައިވަނީ ""މި މުސްކުޅި ކުއްތާ ޔާމީން ދެއްވާ ފަސްހާސް ރުފިޔާ ކާލާއިރު ހިތަށް އެއްވެސްއެއްޗެއް ނާރަނީތޯ" ސުވާލުކޮށްފައެވެ.

އެ މެސެޖު ފޮނުވި ގްރޫޕްގައި އަބްދުﷲގެ ދަރިން ވެސް ތިބެއެވެ. ގްރޫޕްގެ ސްކްރީންޝޮޓްތައް ސޯޝަލް މީޑިޔާގައި އާއްމުކުރީ އެމީހުންނެވެ.

އަބްދުﷲ އަކީ "ކުއްތާ" އެއް ކަމަށް ޕީޕީއެމް ސަޕޯޓަރުން ސިފަކުރުމުން އެކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ ފިރިހެން މީހާގެ ދަރިއެއް ކަމުގައިވާ ހަސަން އަބްދުﷲ ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ "ކުއްތާ" އެއް ގޮތުގައި ސިފަކުރި މީހާގެ ގެއަށް ވޯޓު ހޯދުމަށް (ޕީޕީއެމް)ގެ ފަރާތުން އައިސްގެން ނުވާނެ ކަމަށެވެ.

އޭނާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ބައްޕަގެ 9 ދަރިން އެބަތިބި ކަމަށާއި އަދި އާއިލާގައި 50 އެއްހާ މީހުން ތިބިއިރު އެމީހުން ކައިވެނިކޮށްގެން އުޅޭ މީހުންގެ ވެސް ތިބޭނެ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް ހުންނަ ފޯރީގައި ތާއީދު ކުރާ ސިޔާސީ ޕާޓީތަކުގެ ކުލައިގެ ހެދުން ލުމަކީ ވަރަށް އާއްމު ކަމެކެވެ. އެކަމުގައި ދޮށީ އުމުރުގެ ބޭފުޅުން ޚާއްސަ އަހައްމިއްޔަތު ކަމެއް ދޭކަން ފާހަގަކުރެވެއެވެ.