Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މުއައްވިޒާއި ފައިސަލް ފަނޑިޔާރު ކަމަށް ކުރިމަތިލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބެންޖެހެއެވެ އެހެން ނަމަވެސް މިވަގުތު ތިއްބެވީ 9 ފަނޑިޔާރުންނެވެ.ދެ ގޮނޑި ހުރީ ހުހަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިކަން މުއައްވިޒް ދިވެހި އޮންލައިން ނޫސް "މިހާރު" އަށް ޔަގީންކޮށްދެއްވާފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކުރެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު ފައިސަލް ވެސް ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވިކަން ޔަގީންކޮށްދެއްވައިފަ އެވެ.

ގާނޫނީ ވަކީލުކަމުގެ ފާސް އޮންނަ ފައިސަލް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވިއިރު ޖޭއެސްސީއަކީ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގެ ޒިންމާ އުފުލާ އަދި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން އަންނަ މުއައްސަސާ އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އާއި އަބްދުލްގަނީ މުހައްމަދު ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ. އަދި މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.