ގާނޫނީ ވަކީލު، އަބްދުﷲ ހަސީން އެމްޑީޕީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އުފައްދަން ހުށަހެޅުނު ޕާޓީއާއިބެހޭ އިތުރު ތަފްސީލެއް އެބޭފުޅާ ނުދެއްވައެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައިވާ ކަމަށާއި އެބޭފުޅުންގެ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އުފައްދަން ހުށަހެޅި އާ ސިޔާސީ ޕާޓީގެ ނަމަކީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ(ލޭބާ ޕާޓީ)" އެވެ.
އާ ޕާޓީއެއް އުފެއްދުމަށް ނިންމީ އެމްޑީޕީއާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ހަސީން އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކުރެއެވެ. އެބޭފުޅާގެ މަގުސަދަކީ މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށް ހަސީން ވިދާޅު ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. އެކަންވާން އޮތީ ޕާޓީއެއް ހަދައިގެން ކަމަށް ހަސީން ވިދާޅުވި އެވެ.
ހަސީން ވަނީ އިލެކްޝަންސް އިން ހުއްދަ ދިނުމާއެކު، ރިޔާސީ އިންތިހާބުގެ ކުރިން 3،000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އޭނާއާއެކު ޕާޓީ އުފެއްދުމުގައި މަސައްކަތް ކުރަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅުންތަކެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އަދި އެމްޑީއޭ އެވެ.