އދ. ހަންޏާމީދޫގެ ދެ ކައުންސިލަރުންނާއި އިތުރު ޒުވާނުންތަކެއް މިއަދު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އާއި ކައުންސިލްގެ ނައިބު ރައީސް ހަސަން އަޝްރަފް ޕީޕީއެމާއި ގުޅިވަޑައިގަތީ މިއަދެވެ. މި ދެ ކައުންސިލަރުން ޕީޕީއެމަށް ސޮއި ކުރެއްވުމުން އެ ރަށުގެ މުޅި ކައުންސިލް ޕީޕީއެމްއަށް ލިބުނީއެވެ.
ހަންޏާމީދޫގެ އެ ދެ ކައުންސިލަަރުންގެ އިތުރުން 12 ޒުވާނުން ވެސް ވަނީ މިއަދު ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.
އެކަމާ ބެހޭ ގޮތުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްއަށް އަލަށް މެންބަރުން ގުޅިވަޑައިގަތުމަކީ "ތަރައްގީއަށް ރައްޔިތުން އާބަސް ބުނުން" ކަމަށެވެ.
ހަންޏާމީދޫގެ ހުރިހާ ކައުންސިލަރުން ޕީޕީއެމްގެ މެންބަރުންނަށްވުމާއެކު މިހާރު ފަށާފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެ ރަށުގެ 50 ޕަސަންޓަށް ވުރެ ގިނަ ވޯޓު ރައީސް އަބްދުﷲ ޔާމީންއަށް ހޯދައި ދިނުމުގެ މަސައްކަތް ކަމަށް އދ. އަތޮޅަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު އިބްރާހިމް ވިދާޅުވިއެވެ.
އެ ރަށުން ރައީސް ޔާމީންއަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ތޯރިގުވަނީ ބަޔާން ކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ މިދިޔަ 20 އަކަށް އަހަރު ރަށަށް އެއްވެސް ތަރައްގީގެ މަސައްކަތެއްކޮށްދީފައި ނުވި ނަމަވެސް މި ސަރުކާރުން ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ތޯރިގު ވިދާޅުވި އެވެ.