މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އެ މަގާމުން ވަކިކޮށްފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކީ ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސް ވެރިޔާ ކަމަށްވާ އިރު އެބޭފުޅާ އެ މަގާމުން ވަކިކުރީ މިދިޔަ ހަފުތާގައި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުންޏެވެ.
ހަސަންގެ މައްޗަށް ދެ ދައުވާ އެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ކޮށްފައެވެ.
ހަސަން ދިރިއުޅުއްވި އެޕާޓްމެންޓް މިދިޔަ ފެބްރުއަރީ މަހު ފުލުހުން ފާސްކުރިއިރު އޭނާގެ ކޮޓަރީގެ އެނދުގެ ގޮދަނޑި ދަށުން 350000 ރުފިޔާއާއި 3300 ޑޮލަރު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.