ވިއްސަކަށް މީހުންނާއިއެކު ޕީޕީއެމުން އއ.އުކުޅަހުގައި ޖަގަހައެއް ހުޅުވައިފިއެވެ.
އުކުޅަހުގައި ޕީޕީއެމްގެ ކެމްޕޭނަށް މި ޖަގަހަ ހުޅުވާފައިވަނީ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި ފެދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަޑައިގެންނެވެ.
މި ދެ ބޭފުޅުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނަށް އެރަށުން މަރުޙަބާ ކިޔާފައިވަނީ ޖުމްލަ 20 ވަރަކަށް މީހުން ކަމަށް މައުލޫމާތުލިބެއެވެ. ނިކުތް މަދު މީސްކޮޅުގެ ތެރޭގައި ސަރުކާރުގެ ބައެއް މުވައްޒަފުން ހިމެނޭ ކަމަށް އެރަށުން މީހުންނާއި ހަވާލާދީ ބައެއް ދިވެހި ނޫސްތަކުން ރިޕޯޓް ކުރެއެވެ.
އުކުޅަހަކީ އެމްޑީޕީގެ ތާއީދު ބޮޑު ރަށެކެވެ. މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން އެ ޕާޓީގެ ކޮންގްރެސް ވެސް ބާއްވާފައިވަނީ އުކުޅަހުގައެވެ. މިއީ އެޕާޓީގެ ކޮންގްރެސް މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.
އުކުޅަހުގެ އާބާދީގައި 1100 އެއްހާ މީހުން އުޅެމުންދާ އިރު އެރަށަކީ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ސަރުކާރު ތަމްސީލު ކުރާ ޕާޓީ އަދި އިދިކޮޅު އިއްތިހާދުން ވަނީ މިހާރު ފަށާފައެވެ. އެގޮތުން ރައީސް ޔާމީން ވެސް އެކި އަތޮޅު ތަކަށް ދަތުރުތައް ދަނީ ކުރައްވަމުންނެވެ. އަދި އެމްޑީޕީން އެ ޕާޓީގެ ފުރަތަމަ ކެޕްޕޭން ދަތުރު ކޮށްފައިވަނީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށެވެ. މި ދެ ސިޓީއިންވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކެމްޕޭން ޓީމަށް މަރުޙަބާ ކިޔާފައެވެ.