Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރާނަން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓު އައްޑޫގައި

ސިޔާސީ ލީޑަރުން ހައްޔަރުކޮށް ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫންކަމަށާއި ނޮވެމްބަރު 17 ވަނަ ދުވަހު އިއްތިހާދުގެ ސަރުކާރުން ހުރިހާ ސިޔާސީ ހައްޔަރީން މިނިވަން ކުރައްވާނެ ކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްްޖެއެވެ.

ރިޔާސީ އިންތިހާބަށް އަމާޒުކޮށް މަރަދޫގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން އަންނަ އިރު ރާއްޖޭގައި ބާއްވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި ރައިސް މައުމޫން އާއި ރައީސް މުހައްމަދު ނަޝީދު އަދި ގާސިމް އިބްރާހިމް ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިބޫ ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބުކޮށް އިއްތިހާދެއްގެ ސަރުކާރުގައި ނޮވެމްބަރ 17 ވަނަ ދުވަހު ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރާނެކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އޮތީ ރައްޔިތުން ބޭނުން ކުލައަކަށް ފިކުރަކަށް ޖާގަ ނުދޭ މަންޒަރު ކަމަށާއި ވަޒީފާގެ ބިރު ދައްކައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބާއްްވާ މަންޒަރު ކަމަށެވެ.

އިބޫ ވިދާޅުވީ ވަޒީފާގެ ބިރުގައި ތިއްބެވި ބޭފުޅުން ބިރު ފަހަނަޅައި ނިކުންނެވުމަށެވެ. އަދި ވަޒީފާއިން ވަކި ކުރާ ފަރާތްތަކަށް ނޮވެމްބަރ 17 ވަނަ ދުވަހު އަންނަ ސަރުކާރުން ވަޒީފާ އިޔާދަ ކޮށްދޭނެ ކަމަށެވެ.