މި އަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ އަންނަ ބުދަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
ޑީޕީއީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ އޮކްޓޫބަރު، ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ޓައިމްޓޭބަލް 2018 ޖުލައި 18 ވަނަ ދުވަހުން ފެށިގެން 2018 އޮގަސްޓު 07 ގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ދޫކުރާނެ ކަމަށެވެ.
ޑީޕީއީ އިން ބުނީ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:45 އަށެވެ.
ޑީޕީއީ މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ނަގަން އަންނައިރު އައިޑީ ކާޑު ގެންދަން ޖެހެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި ޙަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޖެހެއެވެ.
ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2018 އޯގަސްޓް 08 ވަނަ ދުވަހުގެ 1230ގެ ކުރިން ލިއުމަކުން ޑީޕީއީ އަށް ހުށަހަޅަން ޖެހެއެވެ.
މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ އިޞްލާޙުތައް ގެނެވޭނީ އެމެންޑްމަންޓް ފީ ދެއްކުމުން ކަމަށްވެސް ޑީޕީއީ އިން ބުނެއެވެ.