Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލް އަނެއްކާވެސް ބީލަމަށް!

މިއަހަރުގެ މެދުތެރޭގައި ބަޔަކާއި ހަވާލުކޮށް މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން އިއްލާންކޮށްފައިވާ އައްޑޫ 100 އެނދުގެ ހޮސްޕިޓަލްގެ ކުރީގެ ބީލަން ކެންސަލްކޮށް އަނެއްކާވެސް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

މިއަހަރު މާޗް މަހު 9 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް، ބަޔަކު ޝޯޓް ލިސްޓް ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފައިވާ ހޮސްޕިޓަލްގެ މަޝްރޫއު ކުއްލި ގޮތަކަށް ފިނޭންސް މިނިސްޓްރީންވަނީ އަންނަ މަހުގެ 17 ވަނަ ދުވަހަށް އަލުން ބިޑަށް ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއްލާނެއްގައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބިޑާއި ގުޅޭ މައުލޫމާތު ފޯމް ވިއްކަމުން ދާނެ ކަމަށެވެ. އެގޮތުން ބީލަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތްކުން ބީލަމްގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފިނޭންސް އިން ނެރުނު އިއްލާންގައިވެއެވެ.

2014 ވަނަ އަހަރުގައިވެސް މި ހޮސްޕިޓަލްގެ އަމަލީ މަަސައްކަތް ފެށިގެންދާނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ. އަދި މިހާރުގެ ރައީސް ޔާމީންގެ ކެމްޕެއިން ވައުދުގެ ތެރޭގައިވެސް ހޮސްޕިޓަލް މަޝްރޫއު ހިމެނެއެވެ. އެގޮތުން 2014، 2015، އަދި 2016 ވަނަ އަހަރުގެ ބަޖެޓްގައި ހިގަމުންދާ މަޝްރޫއުއެއްގެ ގޮތުގައި އަހަރަކަށް ފަސް މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައި ވެއެވެ.

ޑރ. ހަބީބު (ވާތް ފަރާތުން ދެވަނަ) ހޮސްޕިޓަލްގެ ކުރެހުމާ ބެހޭ ގޮތުން  ހިޔާލު ބަދަލު ކުރައްވަނީ. ފޮޓޯ/ ކައުންސިލް
ޑރ. ހަބީބު (ވާތް ފަރާތުން ދެވަނަ) ހޮސްޕިޓަލްގެ ކުރެހުމާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރައްވަނީ. ފޮޓޯ/ ކައުންސިލް

ހެލްތު މިނިސްޓްރީން މިއަހަރު މާޗް މަހު ބުނީ ހޮސްޕިޓަލްގެ މަސައްކަތް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

މި ހޮސްޕިޓަލަކީ ސައުދީ ފަންޑްގެ 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ ނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) ގެ 8.5 މިލިއަން ޑޮލަރުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ.