އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލް މެޗު ބެއްލެވުމަށްޓަކައި ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެއަށް ވަޑައިގެންފި އެވެ.
މިރޭ 20:00 ގައި ފެށުނު ވޯލްޑް ކަޕް 2018 ގެ ފައިނަލް މެޗުގައި ބައްދަލު ކުރަނީ ކްރޮއޭޝިއާ އާއި ފްރާންސް އެވެ.
އިބޫ އާއި ފައިސަލް އާއެކު މެޗު ބައްލަވާލައްވަން ބޭނުންވާ ފަރާތްތަކަށް ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގެއަށް ވަޑައިގެން މެޗު ބައްލަވާލެއްވުމުގެ ފުރުސަތު އެބައޮތެވެ.
އިބޫ އައްޑޫއަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރުއެވެ. އަދި ފައިސަލް އައްޑޫއަށް ވަޑައިގެން ކެމްޕެއިން ޓީމާއި ގުޅިވަޑައިގަތީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ.
އައްޑޫއަށް ވަޑައިގަތުމުން އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން ވެސް ވަނީ އިބޫ އާއި ފައިސަލް އަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ފުވައްމުލަކުގައި އިބޫ އާއި ފައިސަލް އާއި ސަލާމްކުރުމަށް ޖަމާވި މީހުންގެ ސަފުތައް ގާތްގަނޑަކަށް ދޮޅު ކިލޯ މީޓަރަށް ދެމިގެން ގޮސްފައިވެއެވެ.