Last Updated: May 15, 12:55
Wednesday, May 15, 2024
ކުޅިވަރު

ވޯލްޑްކަޕް ތަށި 20 އަހަރަށް ފަހު ފްރާންސަށް

ފީފާ ވޯލްޑްކަޕް 2018 ގެ ތައްޓާއިއެކު ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ: ފީފާ

މޮސްކޯ، ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް 20 އަހަރަށްފަހު ފްރާންސުން ޗެމްޕިއަންކަން ހޯދައިފިއެވެ. މިމެޗުން އެޓީމު މޮޅުވީ 4-2 އިންނެވެ.

މިއީ ވޯލްޑްކަޕްގެ ތަށި އެޓީމު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރީން އަމިއްލަ ޤައުމުގައި 1998 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ބްރެޒިލް ގެ މައްޗަށް 3-0 އިން ކުރިހޯދައިގެންނެވެ.

މިމުބާރާތުގައި ފްރާންސަށް ކޯޗްކޮށްދިން ޑިޑިއޭ ޑެޝޯމްޕްސް ވަނީ ވޯލްޑްކަޕްގެ ތާރީޚުގެތެރެއަށް ދަތުރުކޮށްފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑްކަޕްގެ ތަށި 1998 ވަނަ އަހަރު ހޯދުމަށްފަހު މިފަހަރުގެ ވޯލްޑްކަޕްގައި ފްރާންސްގެ ކޯޗެއްގެގޮތުގައި ތަށި ކާމިޔާބުކޮށްގެންނެވެ. މީގެކުރިން މިރެކޯޑް އޮންނަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރާންޒް ބެކެންބާ އަތުގައެވެ.

މިރޭގެ ފައިނަލް މެޗަށް ފްރާންސް އަދި ކްރޮއޭޝިއާ ނިކުތްއިރު މިދެޓީމު މިހާތަނަށް ބައްދަލުކުރި ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ކްރޮއޭޝިއާ މޮޅުވެފައިނުވާއިރު ފްރާންސުން ތިން މެޗުން މޮޅުވެފައިވެއެވެ. އަނެއް ދެމެޗުން ވީ އެއްވަރެވެ. މީގެތެރެއިން ދެމެޗު ފެނިގެންދިޔައީ ވޯލްޑްކަޕް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ފްރާންސް ވަނީ 2-1 އިން ކްރޮއޭޝިއާ ބަލިކޮށް ފައިނަލަށް ދަތުރުކޮށްފައެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާ އިން ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ފްރާންސް ގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކުރިން ލީޑް ނެގީ ފްރާންސް އިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޕެނަލްޓީއޭރިޔާއަށް ވުރެ ކުޑަ ތަންކޮޅެއް ބޭރުން ލިބުނު ހިލޭޖެހުމަކުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ ކްރޮއޭޝިއާގެ މަރިއޯ މަންޒުކިޗް ގެ ބޮލުގައި ޖެހިފައެވެ.

އޭގެ 10 މިނެޓުފަހުން ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ އިވާން ޕެރިސިޗް އެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސަށް ދެވަނަފަހަރަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ގްރީޒްމަން އެވެ. މިއީ އޭނާ ނެގި ކޯނަރަކުން އައި ބޯޅަ ކްރޮއޭޝިއާގެ ޕެރިސިޗް އަތުގައި ޖެހިފައިދިއުމުން ފްރާންސްގެ ކުޅުންތެރިން އެޕީލްކުރުމުން ވީއޭރްގެ އެހީގައި ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ވޯލްޑްކަޕް ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ފްރާންސްގެ ގްރީޒްމަން އުފާ ފާޅުކުރަނީ –ފޮޓޯ: ފީފާ

ފުރަތަމަ ހާފު ނިމެން ދެމިނެޓަށްވެފައިވަނިކޮށް ކްރޮއޭޝިއާގެ ޑޭޔަން ލޮވްރެން އަށް ވަނީ ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއްލިބިފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ފްރާންސްގެ ޕޮގްބާ ގައިގަ ޖެހިފައި ދިޔައީ ބޭރަށެވެ.

އޭގެފަހުން އެޓީމުގެ ރަކިޓިޗް އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމުނީ 2-1 އިން ފްރާންސް ކުރީގައޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެތެރޭގައި ފްރާންސްގެ ލީޑް ފުޅާކުރުމަށް ގްރީޒްމަން އަށް ލިބުނު ބޯޅަ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލުމުން ކްރޮއޭޝިއާގެ ގޯލްކީޕަރު ޑެނިއަލް ސުބަސިޗް ވަނީ ފަސޭހަކަމާއިއެކު ދިފާޢުކޮށްފައެވެ.

މެޗުގެ 48 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ރެބިޗް ފޮނުވާލި ބޯޅަ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

އޭގެ މިނެޓެއްފަހުން ކްރޮއޭޝިއާގެ ކުޅުންތެރިން އެޓީމުގެ ޕެރިސިޗް އަށް ދިން ބޯޅަ އޭނާ އަށް ލިބުމުގެ ކުރީން ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ކުރިއަށް ނިކުމެ ބޯޅަ ސަލާމަތްކޮށްފައެވެ.

ފްރާންސްގެ ކިލިއަން އެމްބާޕޭ އަށް ވަނީ މެޗުގެ 52 ވަނަ މިނެޓުގައި ލީޑް ފުޅާ ކުރުމަށް ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތް ނުވެފައެވެ. ފްރާންސްގެ މެދުތެރެއިން ޕައުލް ޕޮގްބާ ދިން ބޯޅަ އެމްބާޕޭ ފޮނުވާލުމުގެ ކުރީން ކްރޮއޭޝިއާގެ ކީޕަރު ސުބަސިޗް ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ޕޮގްބާ ވަނީ ފްރާންސަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިއީ ގްރީޒްމަން ދިން ބޯޅައަކުން އޭނާ ފޮނުވާލުމަށް މަސައްކަތްކުރި ބޯޅަ ކްރޮއޭޝިއާގެ ކުޅުންތެރިއަކުގެ ގައިގަ ޖެހިފަ ނިކުތުމުން ޕެނަލްޓީއޭރިޔާގެ ރޮނގުމަތިން ދެވަނަ ފަހަރަށް ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެ ހަމިނެޓުފަހުން އެމްބާޕޭ ވަނީ ފްރާންސްގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލީ ވަރަށް ރީތި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ވޯލްޑްކަޕްގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

ފައިނަލް މެޗުގައި ފްރާންސްގެ ފަހު ލަނޑު ޖަހައިދިން ކިލިއަން އެމްބާޕޭ. –ފޮޓޯ: ފީފާ

ފްރާންސްގެ ހަތަރުވަނަ ލަނޑަށްފަހު މާގިނައިރުތަކެއްނުވަނީސް ކްރޮއޭޝިއާގެ ދެވަނަ ލަނޑު ޖަހައިދިނީ މަންޒުކިޗް އެވެ. މިއީ ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ ދިން ބޯޅައެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ކެޕްޓަން ހޫގޯ ލޮރިސް އަށް ހެދުނު ގޯހަކުން އޭގެ ފައިދާނަގައި މަންޒުކިޗް ކާމިޔާބުކުރި ގޯލެކެވެ.

ކްރޮއޭޝިއާގެ ދެވަނަލަނޑަށްފަހު އެޓީމުން އިތުރު ގޯލެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތުގައި 78 ވަނަ މިނެޓުގައި ރަކިޓިޗް އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބިފައެވެ. ފްރާންސްގެ ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މެޗުގެ ފަހުވަގުތުކޮޅުގައި ފްރާންސްގެ ލީޑް ފުޅާ ކުރުމަށް ޕޮގްބާ އާއި ނަބީލް ފެކީރް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްވަނީނުވެފައެވެ.