މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އިއުލާންކޮށްފި އެވެ.
ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިއުލާންކޮށް މިހާރު ގެޒެޓްކޮށްފައިވާއިރު ކޮންމެ އަތޮޅެއްގައި ވެސް ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ގެޒެޓްކޮށްފައިވަނީ ވަކިވަކިންނެވެ.
އައްޑޫގައި ދިރިއުޅޭ ރައްޔިތުން ވޯޓްލާން ބަހައްޓާ ފޮށިތައް ހުންނާނެ ތަންތަން ވެސް އިއުލާންކޮށްފައިވާއިރު، އައްޑޫގައި ޖުމްލަ 31 ވޯޓު ފޮށި ބަހައްޓަ އެވެ.
އެގޮތުން އައްޑޫގެ މީހުން ދިރިއުޅޭ ހުރިހާ އަވަށެއްގައި ވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާންތަކުގައިވާ ގޮތުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހަތް ރިސޯޓެއްގަ އެވެ. އެއީ ސަން އައިލެންޑް ރިސޯޓް، ބަނޑޮސް، ޕެރެޑައިސް، ކުރަމަތި އައިލެންޑް ރިސޯޓް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ކުރެއްދޫ އައިލެންޑް ރިސޯޓް އަދި ސަން ޝިޔާމް އިރުފުށި މޯލްޑިވްސް އެވެ.
މީގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ވޯޓުލުމަށް ހަ ތަނެއްގައި ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ކ. ތިލަފުށި، ގއ. ކޫއްޑޫ، ކ. ހުޅުލެ، ޅ. ފެލިވަރު، ސ. ގަން އަދި ލ. ކައްދޫ ގައެވެ. މިއިން ކޮންމެ ތަނެއްގައިވެސް ބަހައްޓާނީ އެއް ވޯޓު ފޮއްޓެވެ.
ހަތަރު ޖަލުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެއީ މާލޭ ޖަލާއި، މާފުށީ ޖަލާއި ހިންމަފުށީ އައްސޭރި ޖަލު އަދި ދޫނިދޫ ޖަލުގައެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ސްރީލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވެންޑްރަމާއި މެލޭޝިއާގެ ކުއަލަލަމްޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. މި ތަންތަނުގެ ތެރެއިން ކޮލަމްބޯގައި ދެ ވޯޓު ފޮށި ބަހައްޓާނެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
އެ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެމަނިކުފާނުގެ ރަނިންމޭޓް ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއެކު ވާދަކުރައްވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޓިކެޓްގައި ވާދަކުރާނީ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމު އެވެ.