Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޒޫމާގެ ދަރިކަލުންނަށް ޚިޔާނާތުގެ ދައުވާ

ސައުތް އެފްރިކާގެ ކުރީގެ ރައީސް ޔަކޯބް ޒޫމާގެ ދަރިކަލުން ޑުޑުޒޭން ޒޫމާގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލައިފިއެވެ.

ޑުޑޫޒޭންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރިން އެގައުމުގެ ފިނޭންސް މިނިސްޓްރީގެ ނައިބަކަށް ހުންނެވި އެމްސީބިސީ ޔޯނަސް އަށް ރިޝްވަތު ހުށަހެޅުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

އުމުރުން 34 އަހަރުގެ ޑުޑޫޒޭން ހައްޔަރުކުރީ ޖުލައި މަހުގެ 7 ވަނަ ދުވަހު ދުބާއީގައި ހުރެފައި އެނބުރި ގައުމަށް އައުމުންނެވެ. ސައުތް އެފްރިކާގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ އެނބުރި ގައުމަށް އައީ އާއިލާ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށެވެ.

ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު ޖުލައި 9 ވަނަ ދުވަހު ޑުޑޫޒޭން ކޯޓަށް ހާޒިރުކުރުމުގެ ކަފާލާތުގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފައެވެ. ޑުޑޫޒޭން ވަކީލުން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސްލެއް ނެތް ދައުވާތަކެކެވެ.

ކޯޓަށް ހާޒިރުކުރި އިރު ޑުޑޫޒޭންގެ ދެފައިގައި ވެސް ހުރީ ބިޑި އަޅުވާފައެވެ. އެކަމާއި ގުޅިގެން ބައެއް ގިނަ ބައެއްގެ ފާޑުކިޔުން ސައުތް އެފްރިކާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކަފާލާތުގެ ދަށުން ޑުޑޫޒޭން މިނިވަން ކުރި ނަމަވެސް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ކޯޓުން އެގޮތަށް ނިންމާފައިވަނީ ޕްރޮސިކިއުޓަރުން އެދިގެންނެވެ.