Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔައަކަށް މޮޑްރިޗް

ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމް ހޯދި އެމްބާޕޭ (ކ) އާއި މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މޮޑްރިޗް (ކ-2) --ފޮޓޯ: ފީފާ

ފީފާ ވޯލްޑް ކަޕް 2018ގެ މޮޅު ކުޅުންތެރިއާ އަށް ދޭ ގޯލްޑަން ބޯލް ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗަށް ލިބުނުއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމް ފްރާންސްގެ ކިލިއަން އެމްބާޕޭ ހޯދައިފިއެވެ.

ކްރޮއޭޝިއާގެ ތާރީޚުގައި އެޤައުމު ދަތުރުކުރި ފުރަތަމަ ފައިނަލަށް ގެންދިއުމުގައި އިސްދައުރެއް އަދާކުރި ލޫކާ މޮޑްރިޗް ވަނީ މުބާރާތުގެ ގުްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ފެށިގެން އެޓީމު ކުޅުނު ކޮންމެ މެޗެއްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އޭނާ ވަނީ އެޓީމު ކުޅުނު ހަތްމެޗުގައި ކުޅެ ޖުމްލަ ދެ ގޯލް ކާމިޔާބުކޮށް އިތުރު ލަނޑެއްޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދީފައިވެއެވެ.

މިމުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ފްރާންސް އަށް ވޯލްޑްކަޕް ތަށި ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އުމުރުން އެންމެ 19 އަހަރުގެ ކިލިޔަން އެމްބާޕޭ އެވެ. މީގެއިތުރުން އޭނާ ވެފައިވަނީ ބްރެޒިލްގެ ޕެލޭއަށްފަހު ވޯލްޑްކަޕްގެ ފައިނަލް މެޗެއްގައި ލަނޑުޖެހި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

އެންމެ މޮޅު ގޯލްކީޕަރަށް ދޭ ގޯލްޑަން ގްލޯވް ހޯދީ މުބާރާތުގެ ތިންވަނަ އަށް ދަތުރުކުރި ބެލްޖިއަމްގެ ތިބޯ ކޯޓުއާ އެވެ. މިމުބާރާތުގައި ބެލްޖިއަމް ކުޅުނު ހަތްމެޗުގައި އެޓީމު ކޮޅަށް ޖުމްލަ ހަ ލަނޑު ވަދެފައިވާއިރު ގިނަ ސޭވް ތަކެއް ކޮށްފައިވެއެވެ.

ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިއަކަށް ދޭ ރަންބޫޓު ހޯދީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ ހަލަނޑު ކާމިޔާބުކޮށްގެންނެވެ. މިމަޤާމަށް އޭނާ އާއި އެންމެ ކައިރިން ވާދަކުރީ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އާއި ކިލިއަން އެމްބާޕޭގެ އިތުރުން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަދި ރަޝިޔާގެ ޑެނިސް ޗެރިޝޭފް އެވެ. މިއިން ކޮންމެ ކުޅުންތެރިއެއްވެސް ހަތަރު ގޯލް ކާމިޔާބުކޮށްފައިވެއެވެ.

މިފަހަރުގެ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ރަޝިޔާއަތުން ބަލިވެ މުބާރާތުން ހިތްދަތިގޮތަކަށް ކަޓައިގެންދިޔަ ސްޕެއިނަށް ވަނީ ފެއާޕްލޭ އެވޯޑް ލިބިފައެވެ.