ސަރުކާރުން މަޝްވަރާ ކުރުމަށް ގޮވާލި ނަމަވެސް މަޝްވަރާއަށް މާހައުލެއް ނެތް ކަމަށާއި މަޝްވަރާ ކުރުމަށް ގޮވާލުމަކީ ބޭރުގެ ފަރާތްތަކަށް ދަޅަ ދެއްކުމަށްކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ހުސައިން މުހައްމަދު މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި މަޝްވަރާއަށް ގޮވާލާއިރު ދެފަރާތުގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ އިތުބާރާއި ޔަގީންކަން އޮންނަން ޖެހޭނެ ކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ. ވާހަކަ ދައްކަން އަންނާށޭ ބުނެވިދާނެ ކަމަށާއި، އޭގެ މާހައުލެއް ގާއިމް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ. މީގެ އިތުރުން އިތުބާރު އުފެއްދުމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމަށް އަލިއަޅުއްވާލަމުން ހުސައިން މުހައްމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެއްވެސް އިތުބާރެއް ނެތްކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރައްވަނީ ގައުމުގެ ހަގީގީ މާހައުލާ ގުޅޭ ގޮތުން އީޔޫއަށް އޮޅުވާލުމަށް ކަމަށާއި އެހެން ނަމަވެސް އެއްވެސް ބައެއް މިކަމެއް ގަބޫލެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރިމަތިވާ ދަތިތަކާއެކުވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކުރިމަތިވާ ހުރިހާ ދަތިތަކަށްވެސް ކެރިގެން ކުރިމަތިލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވައުދުވި ގިނަ ވައުދުތައް ނުފެއްދޭ ކަމަށާއި ރައީސް ޔާމީނަށް ތަރައްގީ ގާއިމް ކުރެވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓަށް އިޝާރާތް ކުރައްވާ ޙުސައިން މުހައްމަދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކުރުމުންނޭ ކިޔާފައި ރައްޔިތުން ރައީސް ޔާމީނަށް ވޯޓުދޭން ނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދޭން ޖެހޭނީ ހެޔޮވެރިކަމަކަށް ކަމަށެވެ.
ހުސައިން މުހައްމަދު ވަނީ މިސަރުކާރަށް ހެޔޮވެރިކަމެއް ގާއިމް ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.