Last Updated: May 11, 08:43
Saturday, May 11, 2024
ޚަބަރު

"އެކައުންޓްތައް ހިފަހައްޓައިގެން ކުރެވޭނެ ކަމެއް ނޯންނާނެ"

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ ބައެއް އިސްވެރިންގެ މުދާ ހިފެހެއްޓުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް އޭގެ ސަބަބުން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޑރ. ޝައިނީއަކީ، ސަރުކާރުން ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކަށް ލޮބީ ކުރަން ފޮނުވި ޚާއްސަ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

"ރާއްޖެއެމްވީ" އަށް ދިން އިންޓަވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވި ގޮތުގައި، އެބޭފުޅާ ކިޔަވާ ވިދާޅުވާން އުޅުއްވި އިރު ޔޫރަޕުގެ ގައުމެއް ކަމުގައިވާ ނޯވޭގައި ބެންކް އެކައުންޓެއް ހުޅުވި ކަމަށެވެ. އެހެން ނަމަވެސް އެ އެކައުންޓްގައި މާގިނަ ފައިސާއެއް ނުހުންނާނެ ކަމަށާއި އެހެންވެ އެ އެކައުންޓް ހިފަހައްޓައިގެން އީޔޫއިން ކުރާނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ކިޔަވަން އުޅުނުއިރު ނޯރވޭގައި ހުޅުވި އެކައުންޓެއް އޮންނާނެ. އެއަކު ނުހުންނާނެ މާގިނަ ފައިސާއެއް. އެއެކައުންޓް ހިފަހައްޓައިގެން ކުރާނެ މާބޮޑު ކަމެއް ނޯންނާނެ،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ މިހެން ވިދާޅުވިއިރު ނޯވޭ އަކީ އީޔޫގެ މެންބަރު ގައުމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ޑރ. ޝައިނީ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސް ބޭފުޅުންގެ އެކައުންޓްތަކެއް ނުވަތަ މުދާތަކެއް ޔޫރަޕުގެ ޤައުމުތަކުގައި ނުހުންނާނެއެވެ.