Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ދަރިން ހޯދުމުން ކައިވެންޏަށް އަސަރު ކުރޭބާ؟

ވަރަށް ލޯބިން އުފާވެރި ކައިވެންޏެއް ކުރުމަށްފަހު ބައެއްފަހަރު ދެމަފިރިންނަށް ކުއްޖަކު ލިބެނީ ކުއްޖަކަށް ބޭނުންވެފައި ތިއްބައެއް ނޫނެވެ. ތައްޔާރު ނުވަނީސް އިންތިޒާރު ކުރެވިފައިނެތް މެހެމާނެއް ގެއަށް އައުމުން ދެމަފިރިންގެ ޒަވާޖީ ހަޔާތަށް އިންގިލާބެއް އާދެ އެވެ.

މުޅި އެތި ގަޑުބަޑު ކޮށްލައެެވެ. މިހެން މިކަން ދިމާވަނީ ހަމައެކަނި އެކަމަށް ތައްޔާރުނުވެ ތިއްބާ ދަރިން ލިބުމަކުން ނޫނެވެ. އެހެނީ ތައްޔާރުވެގެން ތިއްބައި ކުދިން ލިބުނަސް، މިކަމުގެ ރަނގަޅު ނުވަތަ ނުބައި އަސަރުތަކެއް ކައްވެންޏަށް ކުރާކަމަކީ އެނގި ފާޅު ކަމެކެވެ.

ޒަވާޖީ ޙަޔާތެއްގައި ކުދިން ލިބުމުން ދެ މީހުންގެ ޒިންމާބޮޑުވެއެވެ. ހަމަ އެހެންމެ ކުރިޔަށްވުރެ ޒިންމާ ގިނަވެއެވެ. ފިރިމީހާ އަނބިމީހާއަށް ދޭންޖެހޭ ގިނަ ހައްޤުތަކަކަށް ފަރުވާ ކުޑަ ކޮށްލައެވެ. ވިހެއުމަށް ފަހު ގިނަ ފަހަރަށް އަނބިމީހާގެ ކުރިން ހުރި ޒީރޯ ސައިޒް ގެއްލެއެވެ. ކުރިން ހުރި ޗާލުކަމާއި ފަރިކަން ނެތެއެވެ. މިކަމުގެ ސަބަބުން ފިރިން އެމީހުންގެ މޫނު އަނެއް ފަރާތަށް އަނބުރާލައެވެ. ކައިވެންޏަކީ ހަމައެކަނި ރީތި އަންހެނެކޭ މިފަދަ މީހުންނަށް ހީވާކަހަލައެވެ.

މިކަމުގައި ގޯސްކޮށް ކަންތައް ކުރެވެނީ ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ. ބައެއް އަންހެނުންނަށްވެސް ހީވަނީ ކައިވެންޏަކީ ހަމައެކަނި ކުއްޖެއް ހޯދައިގެން، ގައިގައި ދުވާ ކިރުވަހުން ކައިރިނުވެވޭފަދަ ދަރަޖައެއްގައި ހުރުން ކަމަށް ގަބޫލުކުރާ ފަދައެވެ. ނުވަތަ ނުވިސްނި ނަމަވެސް ތިބެވެނީ މިހެންނެވެ. ކުއްޖަކު ލިބުމުން ޖެހޭ މައްސަލަތަކާއި، ކުއްޖާ ތަރުބިއްޔަތު ކުރުމުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންވެސް ޒަވާޖީ ހަޔާތް ހަލަބޮލިވެއެވެ.

ދިރިއުޅުމުގައި ކުދިން ބެލުމުގެ އިތުރުން ކުރިންވެސް ފިރިމީހާއަށް ދިން އަހައްމިއްޔަތުކަން ދެވޭތޯ އަންހެނުން ބަލަންވާނެއެވެ. ކުދިން ލިބުމުން ކުރިން ދެވުނުހާ ވަގުތެއް ނުދެވިދާނެއެވެ. ގޭގައި ފިރިމީހާ ހޭދަކުރާ ވަގުތުގައި ތިމާގެ ދަރިފުޅާއިއެކު ހޭދަކުރާ ވަގުތަކީ ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތަށް ހަދާށެވެ. ތިބޭފުޅުން ވިދާޅުވާ ފަދައިން ޓައިމް ކޮލިޓީ ކޮށްލައްވާށެވެ. ފިރިމީހާ މަސައްކަތުން އެނބުރި އަންނަންވާ އިރަށް ކުރިއެކޭ އެއްގޮތަށް ޒީނަތްތެރިވެގެން ހުންނަން އާދަކުރާށެވެ. ވިހެއުމުގެ ސަބަބުން ގިނަ އަންހެނުން ވަރަށް ފަލަވެ ބުރުސޫރަ އަށް ބަދަލު އަންނަވަރު ވެއެވެ. އެގޮތަށް ވިޔަނުދީ ވޭތޯ ބަލާށެވެ. ފިރިމީހާ ހިތްއެދޭ ބައްޓަމަކަށް ހަށިގަނޑު ގެނައުމަށް ވީއެންމެ އަވަހަކަށް މަސައްކަތް ފައްޓާށެވެ.

މީހަކާއި އިނުމަށްފަހު ތިމާގެ ސޫރަ ފިރިމީހާގެ ލޮލުން ބަލާށެވެ. ބައެއް ފިރިހެނުންނަށް މާ ފަލަވީމަ ކަމުނުދާ ފަދައިން ބައެއް ފިރިހެނުންނަށް މާ ހިކުނީމަވެސް ކަމުނުދެއެވެ. ޑައިޓް ޖެއްސުމާއި ކަސްރަތުގެ އެހީގައި ހަށިގަނޑު އެމީހަކު ބޭނުން ވަރަކަށް ބޭނުން ސައިޒެއްގައި މިހާރު ބެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެހެން ކަމުން ތިމާގެ ނަފްސަށް ބޭނުންވާ ޒަރޫރީ ކަންތައް އަމިއްލައަށް ދެނެގަންނާށެވެ.

މިފަދަ ކަންތަކަށް އަންހެނުން ވިސްނަންޖެހޭ އިރު ފިރިމީހާ ބަލަންޖެހޭ ކަންތައް މަދެއްނޫނެވެ. ހަށިގަނޑުގައި ސަރުބީކޮޅެއް އަދި ޖަހާލާއިރަށް އަނބިމީހާ ޗީޑި ވާކަށް ނުޖެހެވެ. ތިމާގެ އަތްބެއްގެ ގޮތުގައި އައިއިރު އެ އަންހެންމީހާ ހުރި ބައްޓަން ގެއްލުނީ ދެމީހުންގެ ލޯބީގައި ކުލަ ޖެއްސުމުގެ ތެރޭގައިކަން ހަނދާން ބަހައްޓާށެވެ. އެކަމުގައި އޭނާއަށް ލޯތްބާއި އަޅާލުމާއިއެކު ހިތްވަރު ދީގެން ކުރިޔަށް ދިޔުމަކީ ތިމާގެ ޒިންމާއެއްކަން ދަންނާށެވެ.

ކުދިން ހިމަނައިގެން އެމީހުންނަށް ލޯބި ދިނުމާއިއެކު ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބި ތާޒާ ކޮށްގެން ކުރިޔަށް ގެންދިޔުމަށް ދެމަފިރިން އެކުގައި މަސައްކަތް ކުރާ ކަމަށްވާނަމަ ދަރިން ހޯދުމަކުން ދިރިއުޅުމަކަށް އަސަރެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ދިރިއުޅުންވާނީ އިތުރަށް ރޮމޭންޓިކް ވެފައި ހަރުދަނާއެވެ.