Last Updated: March 29, 10:59
Friday, March 29, 2024
ކުޅިވަރު

ކާމިޔާބީ ފާހަގަ ކުރަން ނުކުތީމަ ކަރުނަ ގޭސް ޖަހައިފި

ފީފާ ވޯލްޑް ކަޕު 2018ގެ ޗެމްޕެއިންކަން ފްރާންސުން ހޯދުމާއި ގުޅިގެން އުފާފާޅުކުރުމަށް އެ ގައުމުގެ ވެރިރަށް ޕެރިހުގެ މަގުމައްޗަށް ނިކުތް މީހުން މައިތިރިކުރަން ފުލުހުން ކަރުނަ ގޭސް ޖަހައިފިއެވެ.

ފަރާންސުން ވޯލްޑްކަޕް ކާމިޔާބުކުރުމުން އެގައުމުގެ ވެރިރަށް ޕެރިހުގައި މިލިއަނެއްހާ މީހުން ވަނީ އެއްތަނަކަށް ޖަމާވެ، އުފާފާޅުކޮށްފައެވެ. ޕެރިހުގެ އިތުރުން ވެސް ފްރާންސްގެ ބޮޑެތި ސިޓީތަކުގައި ވޯލްޑްކަޕްގެ ކާމިޔާބީ ފާހަގަކުރުމަށް ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދިޔަ އުފާފާޅުކުރުންތަކުގެ ތެރޭގައި ފުލުހުންނާއި ސަޕޯޓަރުންނާއި ދެމެދު އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގާފައެވެ. ޕެރިހުގައި އުފާފާޅުކުރަން ނިކުތް ބައެއް ސަޕޯޓަރުން ވަނީ މަގު މަތީގައި ހުރި ޑަސްބިންތަކުގައި ރޯކުރުމުގެ އިތުރުން ފިހާރަތަކަށް ވެސް ގެއްލުން ދީފައެވެ.

ފްރާންސްގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ކާމިޔާބީގެ ޖޯޝުގައި" ހިނގާދިޔަ ކަންތައް ހުއްޓުވުމަށް ޕެރިހުގައި ފުލުހުން ވަނީ ކަރުނަ ގޭހުގެ އިތުރަށް ޕްރެޝަރުގައި ފެންވެސް ޖަހާފައެވެ.

މީގެ އިތުރުން ފަރާންސްގެ ބޮޑެތި ސިޓީތައް ކަމުގައިވާ ލިޔޯން އާއި މާސޭގައި ވެސް ވަނީ ފުލުހުންނާއި އާންމުންނާއި ދެމެދު ކުރިމަތިލުންތައް ހިނގާފައެވެ. މާސޭގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރެއިން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބޯޑޯ ސިޓީގައި، ގައި އުފާފާޅުކުރި ބައެއް ސަޕޯޓަރުން ބަރަހަނާކޮށް ތިބި އިރު އެމީހުން ވަނީ ގަމްބެޓާ ސްކެއާގައި ވެހިކަލެއްގައި ވެސް އަލިފާން ރޯކޮށްލާފައެވެ.

އުފާފާޅުކުރަން ނިކުތް ބައެއް ސަޕޯޓަރުންގެ ފަރާތުން ވިޔާނުދާ އަމަލުތަކެއް ފެނިގެން ދިޔަ ނަމަވެސް ފްރާންސްގެ ހުރިހާ ހިސާބެއްގައި ވެސް ވޯލްޑްކަޕްގެ ކާމިޔާބީ ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ.