Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

"ރަން އިން އައްޑޫ" ރަޖިސްޓްރޭޝަން ފަލަކްގައި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އިން އައްޑޫ ސިޓީގައި ބާއްވާ "ރަން އިން އައްޑޫ" ގެ ރަޖިސްޓްރޭޝަން މިހާރު ސ. ހިތަދޫގައި ހުންނަ ފަލަކް ސްޕޯޓްސް އިން ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިފި އެވެ.

މި އިވެންޓް އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ.

"ރަން އިން އައްޑޫ" ގައި ހިމެނެނީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން ރޭސްތަކެވެ. ފަލަކް ސްޕޯޓްސްގެ އިތުރުން ގޯޓުރޭސް ޑޮޓް ކޮމް އިން އޮންލައިންކޮށް ވެސް މި ރަން ގައި ބައިވެރިވެވޭނެ އެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އޮގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މިފަހަރު "ރަން އިން އައްޑޫ"ގެ ހުރިހާ އިވެންޓެއްގެ ސްޓާޓް ޕޮއިންޓާއި ފިނިޝިން ޕޮއިންޓް ގާއިމްކުރަން ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މެރެތަން (42 ކިލޯމީޓަރު) ރޭސް ފަށާނީ މެންދަމު 2 ޖަހާއިރެވެ. ހާފް މެރެތަން (21 ކިލޯމީޓަރު) ރޭސް ފަތިހު 5 ޖަހާއިރު ފަށާއިރު 10 ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 6 ޖަހާއިރެވެ. އަދި ފަހު އިވެންޓް ނުވަތަ ފަސް ކިލޯމީޓަރު ރޭސް ފަށާނީ ހެނދުނު 7 ޖަހާއިރެވެ.

10 ވަނަ ދުވަހު ހަވީރު އޮންނާނީ ކުޑަކުދިންގެ ދުވުމާއި އުމުރުންދުވަސްވީ މީހުންގެ ހިނގުމެވެ. ރޭހުގެ އެކްސްޕޯ މި ފަހަރު ދެ ދުވަހަށް ދެމިގެންދާނެ އެވެ. އެ ހަރަކާތް އޮންނާނީ އޮގަސްޓް 9 ވަނަ ދުވަހު މެންދުރުފަހު 3 އިން 6 އަށް އަދި 10 ވަނަ ދުވަހު މެންދުރުފަހު 3 އިން ރޭގަނޑު 12 އަށް އައްޑޫ ސިޓީ ކައުންސިލްގައި ކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މޮރޮކޯގައި ތަމްރީން ހަދަމުން އަންނަ ރާއްޖޭގެ މަޝްހޫރު ދުވުންތެރިއާ އަހުމަދު ޝަރަފް މި ދުވުމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ ދުވާނީ ޓްރެއިނިން ޕްރޮގްރާމުގެ ތެރޭ ފުރިހަމަ ކުރާ ރޭހެއްގެ ގޮތުގައި އިވެންޓުގެ ހާފް މެރެތަންގައެވެ. އޭނާ އަކީ ގައުމީ މެރެތަން ރެކޯޑާއި ހާފް މެރެތަން ރެކޯޑް ވެސް މުގުރާލާފައިވާ ދުވުންތެރިއެކެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވޮލަންޓިއަރުންގެ އަގު ވެސް ވަޒަންކުރާނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ހިންގާ ކުންފުނިން ދުވުމުގެ އިވެންޓްތައް ބާއްވަން ފެށީ 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގަ އެވެ. އެކަމަކު ރަން އިން މޯލްޑިވްސްގެ ނަމުގެ މި އިވެންޓްތައް މިދިޔަ އަހަރު އަތޮޅުތެރެއަށް ފުޅާކުރި އެވެ. އެގޮތުން އައްޑޫ ސިޓީގެ އިތުރުން ލ. އަތޮޅުގައި ވެސް ވަނީ ބާއްވައިފަ އެވެ.