Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ސަރުކާރުގެ އިސް ވެރިންނަށް ފިޔަވަޅު އަޅަން ފާސްކޮށްފި

ރާއްޖޭގެ ރައީސަށާއި ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕި އަން ޔޫނިއަން (އީޔޫ) އިންމިއަދު ފާސްކޮށްފި އެވެ.

އީޔޫގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީނާއި އަރިސް ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ އެކަން ސަރުކާރަށް އެންގުމަށް ފަހުގަ އެވެ.

އީޔޫން ވަނީ ގާނޫނަށް ހުރަސް އަޅައި، ސިޔާސީ މަސްރަހު އަމާންކުރުމަށް ދެކޮޅު ހަދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި އަދި އެކަން ކުރާނެ އުސޫލުވެސް ފާސްކޮށްފަ އެވެ.

އީޔޫގެ މި ނިންމުމާ އެކު ފިޔަވަޅު އެޅި ބޭފުޅުންގެ މުދާ ހިފެހެއްޓުމާއި ޔޫރަޕްގެ ގައުމުތަކަށް ވަނުން މަނާ ކުރުމުގެ ބާރު ގައުމުތަކަށް ލިބިގެންވެ އެވެ. މީގެ އިތުރުން އީޔޫއިން ރާއްޖެއަށް ދޭ އެހީވެސް ކަނޑާލުމަށް ނިންމާފައިވެއެވެ.

އީޔޫއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމީ މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިންތިފާގުން ކުރި އަމުރަށް ސަރުކާރުން ތަބާނުވެ، ކުއްލި ހާލަތު އިއުލާންކޮށް ދެ ފަނޑިޔާރަކު ހައްޔަރުކޮށް ގާނޫނު މުގުރާލުމުގެ ސަބަބުންނެވެ.

އީޔޫއިން ވަނީ ރާއްޖޭގައި އިންސާފު ގާއިމުކޮށް، ޑިމޮކްރަޓިކް ހަމަތައް ބިނާކޮށް މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ ރިޔާސީ އިންތިޚާބަކަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.