Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

"އީޔޫގެ މެސެޖް ވަރުގަދަ، ޑިމޮކްރަސީ އަށް ރުޖޫއަވޭ"

ވިލާތުގެ އިއްތިހާދު (އީޔޫ) ން ސަރުކާރުގެ އިސްވެރިންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމި ނިންމުމަކީ ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް ކަމަށާއި ޑިމްކްރަސީގެ މަގަށް ރުޖޫއަ ވުމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ރައީސް މައުމޫންގެ ދަރިކަބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫއިން އަދިވެސް ބޭނުންވަނީ ސަރުކާރު ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ ގޮތްދޫކުރުމަށްކަމަށެވެ.

އެގޮތުން އީޔޫން ގޮވާލާފައިވާ ކަންކަމަށް ބީރުކަންފަތެއް ނުދީ އެކަންކަން އިސްލާހު ކުރުމަށް ދުންޔާ ވަނީ ގޮވާލާފައެވެ.

އީޔޫއިން ވަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި ޝަރީއަތެއް ބޭއްވުމަށް ދެ ފުށް ފެންނަ ސިޔާސަތެއް އެކުލަވާލުމަށާއި މިހާރު ނުހައްގުން ހައްުޔަރުކޮށް ދައުވާ އުފުލާފައިވާ ސިޔާސީ ލީޑަރުން ދޫކޮށް މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފައެވެ.

އީޔޫން މިއަދު ނިންމާފައިވަނީ ރާއްޖޭގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ފާސްކޮށްފައެވެ.