Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތްކޮށްފި

ވެލިބަރުކޮށްގެން މާލެ ދަތުރުކުރަމުން ދަނިކޮށް މާލޭ އަތޮޅު ވާދޫ ކައިރިން ދިޔަވަމުންދިޔަ ދޯންޏެއް ސަލާމަތްކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑުގެ އުޅަނދެއްގައި ކަފުޖަހައިގެން މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 09:34 ހާއިރު ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗުގައި ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް، އެ ދޯނި ދިޔަވަމުންދިޔަ ތަނުން ދިޔަގަނޑު ކޮންޓްރޯލް ކޮށްފައި ކަމަށެވެ. އެ ދޯނި ދިޔަވުން ކޮންޓްރޯލް ކުރީ ދޯނީގެ ފަޅުވެރިންގެ މަސައްކަތުން، ދޯނީގައި ހުރި ޕަމްޕު ބޭނުން ކޮށްގެން ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި ދިޔަވަމުން ދިޔައީ "ވޭކަން" ނަމަކަށް ކިޔާ 13 މީޓަރުގެ ދޯންޏެކެވެ.

ހާދިސާ ހިނގިއިރު، ދޯނީގައި 6 މީހުން ތިބިއިރު، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.