Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ފިޔަވަޅު ނޭޅުމަކީ ކާމިޔާބެއް، ހާލަތު ގޯހެއް ނުވާނެ: ޝައިނީ

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ - ފޮޓޯ: ސަން

އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅުތަކެއް މިއަދު ނޭޅުމަކީ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިހެން ވިދާޅުވީ އީޔޫގެ މައި އިދާރާ ގާއިމުކޮށްފައި ހުންނަ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަވައިގެން މިއަދު ރާއްޖޭގެ ބައެއް މީޑިއާތަކަށް ފޯނުން ދެއްވި އިންޓަވިއުއެއްގަ އެވެ.

ޝައިނީ ވިދާޅުވީ، ސަރުކާރުން އީޔޫ ޤައުމުތަކާ ވާހަކަ ދައްކައިގެން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށާއި އެ ވާހަކަތައް އެ ޤައުމުތަކުން އަޑު އަހާފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ހާލަތު އީޔޫއަށް ކިޔައިދީފައި އޮތީ ޙަޤީޤަތާ އެއްގޮތަށް ނޫން ކަމަށާއި އެކަން އީޔޫގެ ޤައުމުތަކުން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިއަހަރު ރިޔާސީ އިންތިހާބު ނުބާއްވާ، ރައީސް އަބްދުﷲ ޔާމީން އިތުރު ދައުރަކަށް ހުވާކުރެއްވުމަށާއި އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކާ މެދު ފިޔަވަޅު އަޅަމުންދާ ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އީޔޫ އަށް އޮޅުވާލާފައިވާ ކަަމަށްވެސް ޝައިނީ ވިދާޅުވެފައިވެ އެވެ.

ޝައިނީ އިތުރަށް ވިދާޅުވީ ޙާލަތު ވަރަށް ގޯސްވެގެން ނޫނީ ޤައުމަކާ ދެކޮޅަށް އީޔޫއިން ފިޔަވަޅު ނާޅާނެ ކަމަށާއި އީޔޫއިން މިއަދު ފްރޭމްވޯކެއް ފާސްކުރީ ސަރުކާރުން އިތުރަށް ސަމާލުވުމަށް އަންގަން ކަމަށެވެ.

ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި ވޯޓުލައިގެން ރައްޔިތުން ސަރުކާރެއް ހޮވުމުން ދެން އިތުރަށް ފިޔަވަޅު އަޅަންޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.

އީޔޫގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވާނަމަ ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށާއި ދިވެހި ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާ އެކަމުގައި އަމަލުކުރާނެ ގޮތުގެ އޮނިގަނޑެއް ފާސްކޮށްފަ އެވެ.