Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

12 މެމްބަރުންގެ މައްސަލާގައި ޙުކުމް ބުރާސްފަތީގައި

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުން. ފޮޓޯ/ ހުސައިން ހަސަން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުންގެ ބެންޗުން ސޮއިކުރައްވާ ނެރުނު އަމުރު ބާތިލް ކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ބުރާސްފަތި ދުވަހު ހުކުމް އިއްވުމަށް ހަމަޖައްސައިފި އެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސާފު އިބާރާތުން ބުނެފައިވެއެވެ. އެ އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެގޮތައް ނިންމިޔަސް މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ނެރުނު އަމުރަކުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބަޔަށް އަމަލުކުރުން ފަސްކުރިއެވެ.

އަމުރުގެ ވަކި ބަޔަކަށް އަމަލުކުރުން ފަސްކުރީ އެ ބައި ބާތިލްކުރަން ބަންޑާރަނާއިބުގެ ފަރާތުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދެން ބާއްވާނީ މިމައްސަލާގައި ހުކުމްކުރުން ކަމަށް އިއުލާންކޮށްފަ އެވެ.

އެ މައްސަލަ މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މަޤާމުން ވަކިވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވުމުން، ދާދި ފަހުން އެ ދެ މަޤާމަށް ވަނީ ފަނޑިިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކޮށްފަ އެވެ.