Last Updated: April 26, 06:25
Friday, April 26, 2024
ޚަބަރު

ޖަރާސީމު ހުރި ގަނޑުކުރި ތަރުކާރީ އެބަހުރި

ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ: ގޫގުލް

އިންސާނުންގެ ހަށިގަނޑަށް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ 'ލިސްޓީރިއާ މޮނޯސައިޓޮޖެންސް' އިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ޔޫރަޕުން ރާއްޖެއަށް އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލިސްޓީރިއާ މޮނޯސައިޓޮޖެންސް ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭޕްޓީ އޮތޯރިޓީ ނެޓްވޯރކް އަދި ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މައްސަލަ ދިމާވެފައިވާ އުފެއްދުންތައް ބާޒާރުން ނެގުމުގެ މަސައްކަތް އެތޯރިޓީން ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ފުޑް އެންޑް ގްރަގް އޮތޯރިޓީން ބުނީ މިމައްސަލައާ ގުޅިގެން ބަޔާނާ އެކު ނެރެފައިވާ ލިސްޓުގައި ހިމެނޭ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި މި ތަކެތި ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ތަޣައްޔަރުވެފައިވާ ތަރުކާރީ ހިމެނެނީ "ޑަޓް ޝައުބް" ބްރޭންޑުގެ މިކްސްޑް ވެޖިޓަބަލްސް އެ ބްރޭންޑުގެ ސްވީޓް ކޯންގަ އެވެ. މީގެ އިތުރުން ތަޣައްޔަރު ވެފައިވާ ކަމަށް ބެލެވޭ އެހެން ބްރޭންޑުތަކުގެ ތެރޭގައި "ޓްރާންސްގޯމޭ ކުއަލިޓީ" އަދި "ޕިންގުއިން" މި ދެ ބްރޭންޑުގެ ގަނޑު ކުރި ތަރުކާރީ ހިމެނޭކަމަށްވެސް އެމްއެފްޑީއޭ އިން ބުނެއެވެ.

އެ އޮތޯރިޓީން ވަނީ މި ބްރޭންޑުތަކުގެ ތަރުކާރީ ވިއްކަން ހުރިނަމަ އެކަން އެ އޮތޯރިޓީގެ ނަންބަރު 3014361 ފޯނަށް ގުޅައި އެންގުމަށް ވެސް އެދިފައެވެ.