ސ. ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ކޮންޓްރެކްޓަ ފައިނޭންސް އުސޫލްގެ ދަށުން ތަރައްގީ ކުރުމަށް ކުރިމަތިލި ތިން ފަރާތުގެ ތެރެއިން މުއްދަތު ހަމަވި އިރު، ބިޑް ހުށަހަޅާފައި ވަނީ އިނގިރޭސިވިލާތުގެ ލަގާން އާއި ޑެންމާކްގެ އެމްޓީ ހޯގާޑުން ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ކޮމްޕެނީން ބުނެފި އެވެ.
އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ބިޑް ހުށަހަޅަން ދިން ސުން ގަޑި ހަމަވީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ރާއްޖޭގެ ދެވަނަ އިންޓަނެޝަނަލް އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކުރި ތިން ކުންފުނީގެ ތެރެއިން ބިޑް ހުށަނާޅަނީ މެލޭޝިއާގެ މުހިއްބާ އިންޖިނިއަރިން އެވެ.
އޭއައިއޭގެ އިތުރުން އެސްޓީއޯގެ ވެސް މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝާހިދު އަލީ ވިދާޅުވީ ލަގާން އާއި ހޯގާޑްގެ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ކަމަށެވެ. އަދި އެ މަސައްކަތް ދެ ހަފުތާ ތެރޭގައި ނިންމައި، ގަން އެއާޕޯޓް ތަރައްގީ ކުރާނެ ކުންފުންޏެއް ކަނޑައެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ބިޑް ހުށަހަޅަން ދިން މުއްދަތު އިތުރުކޮށް ދިން ނަމަވެސް، މަޝްރޫއުގެ އަމަލީ މަސައްކަތަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން ކުރިން ވެސް ރޭވިފައި އޮތް ގޮތަށް ޖެނުއަރީގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކާސާ ހޮލްޑިން އަށް އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވެސް ވިއްކާލައިގެން ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ބިން ހިއްކައިގެން ރަންވޭ ދިގުކުރުމާއި ރަންވޭ ރީސާފޭސް ކުރުމާއި ސީ ޕްލޭން ބޭސްއެއް ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.