Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މުޖުތަމައު ތެރެއިން: "މި ވެސް ބޮލަށް ވެއްޓިދާނެ، ނަގައިދީ"

ދެހާސް އެގާރަ ވަނަ އަހަރުގެ ސާކް ސަމިޓާ ދިމާކޮށް ހިތަދޫ ސިޓީ ސްކެއާގައި ޖެހި ދިދަ ދަނޑި އިއްޔެ ނެގުމަށް ފަހު ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ، އެ ދިދަ ދަނޑި ނަގަނީ "މީހެއްގެ ބޮލަށް ވެއްޓި އަނިޔާއެއް ވެދާނެކަމަށް ފެންނާތީ" ކަމަށެވެ. ޒުހައިރުގެ އެވާހަކަތަކަށް ސޯޝަލް މީޑީޔާގައި އެކި މީހުން ޚިޔާލު ފާޅުކުރީ އެކި ގޮތްގޮތަށެވެ. އެއްބަޔަކު އެކަމަށް ތައުރީފް ކުރި އިރު އަނެއް ބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒު ކުރިއެވެ.

ސިޓީ ސްކެއާގައި ހުރި ދިދަ ދަނޑި "މީހެއްގެ ބޮލަށް ވެއްޓި އަނިޔާއެއް ވެދާނެކަމަށް ފެންނާތީ" ނެގުމާއި އެކު "ބޮލަށް ވެއްޓިދާނެ" ފަދަ އެހެން ލައިޓް ޕޯސްޓެއް ނަގައިދިނުމަށް އާއްމު މީހަކު މިވަނީ އެދިފައެވެ.

ހިތަދޫ ކޯއްޓޭ ސަރަހައްދުގައި ހުންނަ މި ލައިޓް ޕޯސްޓް ވަރަށް ބޮޑަށް ދަބަރު ޖަހައި ފީވެފައިވާއިރު އެތަނުން ނަގައި ދިނުމަށް އެދި ސޯޝަލް މީޑިޔާގައި ޕޯސްޓުކުރި މީހާ އެދުނީ، ރައްޔިތެއްގެ ބޮލަށް އެ ލައިޓް ޕޯސްޓް ވެއްޓި އަނިޔާއެއް ވުމުގެ ކުރިން އެކަން ރަނގަޅު ކޮށްދިނުމަށެވެ.

ސ.ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ޖެހިކަމަށް ބެލެވޭ އެ ލައިޓް ޕޯސްޓް ހުރި ސަރަހައްދަކީ ވަރަށް ގިނައިން މީހުން ދަތުރު ގޮސް އުޅޭ ސަރަހައްދެކެވެ. އަދި އެސަރަހައްދަށް އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ވަރަށް ގިނައިން ދެއެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށާއި ކަންތައް ރަނގަޅު ކުރުމަށް ބާރު އެޅުމެވެ.