Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ޕެލޭއަކީ އަދިވެސް ފުޓްބޯޅައިގެ ރަސްގެފާނު: އެމްބާޕޭ

ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި ކްރޮއޭޝިއާ ކޮޅަށް ފްރާންސްގެ ހަތަރުވަނަ ލަނޑުޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ --ފޮޓޯ: ރޮއިޓާސް

ނިމިދިޔަ ފީފާ ވޯލްޑްކަޕް 2018 ގައި ފްރާންސްގެ ކިލިއަން އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ ފައިނަލް މެޗުގައި ގޯލެއް ކާމިޔާބުކޮށް ވޯލްޑްކަޕްގެ ތާރީޚުން ޖާގަ ހޯދާފައެވެ. އޭނާ ވެފައިވަނީ ވޯލްޑްކަޕްގެ ފައިނަލް މެޗެއްގައި ލަނޑުޖެހި ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ވޯލްޑްކަޕްގައި އެމްބާޕޭ ދެއްކި މޮޅުކުޅުމުގެ ސަބަބުން ބްރެޒިލްގެ ޕެލޭ ވަނީ އޭނާ އަށް ތަޢުރީފް ކޮށްފައެވެ. އެގޮތުން އޭނާ ކުރި ޓްވީޓެއްގައި ވަނީ "އަހަރެންގެ ރެކޯޑްތަކާއި އަރާ ހަމަކުރަމުން އޭނާ އެ އަންނަނީ. އެކަމުގެ ސަބަބުން އަހަރެން ކުޅުމަށް އެނބުރިއަންނަން ޖެހިދާނެ" އެވެ.

މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކްރޮއޭޝިއާ އާއި ދެކޮޅަށް ފްރާންސް ކުޅުނު ވޯލްޑްކަޕްގެ ފައިނަލް މެޗުގައި 19 އަހަރުގެ އެމްބާޕޭ ވަނީ ފްރާންސްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށް އެޓީމަށް ތަށި ޔަޤީންކޮށްދީފައެވެ. މިލަނޑާއިއެކު އޭނާ ވެފައިވަނީ ބްރެޒިލްގެ ޕެލޭއަށްފަހު ވޯލްޑްކަޕް ފައިނަލް މެޗެއްގައި ލަނޑުޖެހި ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ބްރެޒިލްގެ ޕެލޭ ވަނީ އުމުރުން އެންމެ 17 އަހަރުގައި 1958 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސްވިޑަން ކޮޅަށް ކާމިޔާބުކުރި ދެ ގޯލާއިއެކު ވޯލްޑްކަޕްގެ ތާރީޚުން ޖާގަހޯދާފައެވެ. އޭގެ 60 އަހަރު ފަހުން އެމްބާޕޭ އެ ރެކޯޑާއި ގާތްކުރުމުން ގިނަ ބައެއްގެ ތައުރީފު އޭނާ އަށް ދަނީ ލިބެމުންނެވެ.

ޕެލޭ ކުރި ޓްވީޓަށް ޖަވާބުދެމުން އެމްބާޕޭ ލިޔެފައިވަނީ "ފުޓްބޯޅައިގެ ރަސްގެފާނެއް ބަދަލެއް ނުވޭ." މިހެންނެވެ.

ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު ފްރާންސް ޓީމު ރޭގެ ވަގުތެއްގެ އެނބުރި ޤައުމަށް ދިޔައިރު ސަޕޯޓަރުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއްކިޔައި ޓީމުގެ ޝަރަފުގައި ޕެރިހުގެ މަގުތަކުގައި ޕެރޭޑެއްދީފައެވެ. މީގެއިތުރުން އެޤައުމުގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ޓީމުގެ ހުރިހާ މެމްބަރުންނާއި ރިޔާސީ ގަނޑުވަރުގައި ބައްދަލުކޮށްފައެވެ.