Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ރައީސް އުތުރުގެ ދެ އަތޮޅަކަށް ފުރާވަޑައިގެންފި

ފޮޓޯ: ވީއެފްޕީ

ރައީސް އަބްދުﷲ ޔާމީން މިއަދު ހެނދުނު ތިލަދުންމަތީ އުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިފަހަރު ފުރާވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅަކަށެވެ.

އެހެން ދަތުރު ތަކެކޭ ވެސް އެއްފަދައިން ރައީސްގެ މި ދަތުރުފުޅުގައިވެސް އެކި އެ އަތޮޅުތަކުގެ މަޝްރޫއުތައް ފައްޓަވާދެއްވުމާއި ނިންމަވާދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ދަތުރުފުޅުގައި ހއ. އިހަވަންދޫ، ކެލާ އަދި ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމުގެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. އަދި ހއ. ހޯރަފުއްޓަށް ވަޑައިގެން ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވުމާއެކު ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތައް ހުޅުވައިދެއްވުމަށް ވެސް ތާވަލް ކުރެވިފައިވެއެވެ.

އަދި ބާރަށަށް ވަޑައިގެން އެރަށުގައި ހަދާފައިވާ މެރީނާ ސްޓައިލުގެ ޖެޓީ ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ޔާމީނުގެ ކެމްޕޭން ދަތުރުތައް ރާއްޖޭގެ އެކި އަތޮޅު ތަކަށް ފައްޓަވާފައިވާ އިރު، އިދިކޮޅު އިއްތިހާދުންވެސް ވަނީ އެމީހުންގެ ރިޔާސީ ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން އެބޭފުޅުންގެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށެވެ.