Last Updated: April 20, 17:12
Saturday, April 20, 2024
ކުޅިވަރު

ބޭނުމީ ޔުވެންޓަސްގެ ތާރީޚުން ޖާގަ ހޯދަން: ރޮނާލްޑޯ

ޓިއުރިން، އިޓަލީ: ޔުވެންޓަސް އާއި ދާދިފަހުން ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ރަސްމީކޮށް އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އިއްޔެ ދައްކާލައިފިއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ސްޕެއިނުގެ ރެއާލް މެޑްރިޑު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ. މީގެކުރިން އެޓީމު ވަނީ 2016 ވަނަ އަހަރުގައި އިޓަލީގެ ނަޕޯލީ އަށް ކުޅުނު އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ގެނައުމަށް 90 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ.

ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ، މީޑިއާއަށް ތަޢާރަފްކުރުމަށް އެލިއާންޒް ސްޓޭޑިއަމްގައި ބޭއްވުނު ހަފްލާއަށްފަހު އޭނާ ދިން ފުރަތަމަ އިންޓަވިއުގައި ބުނެފައިވަނީ، އޭނާ އެ ކްލަބާއި ގުޅުމަށް ފުރުޞަތުދިނުމުން ޝުކުރުވެރިވާކަމަށާއި ބޭނުންވަނީ އެ ކްލަބް މިހާރު ހުރި ހަރުފަތަށްވުރެ މައްޗަށް ގެންގޮސް ގިނަ ކާމިޔާބީ އާއި ތަށިތަކެއް ހޯދުމަށްކަމަށެވެ.

"އަހަރެންނަކީ އެހެން ކުޅުންތެރިންނާއި މުޅީން ތަފާތު މީހެއްކަން އަހަރެން ބޭނުން ދައްކަން. އާއްމުގޮތެއްގައި ކެރިއަރުގެ މިހިސާބުން އަހަރެންނާއި އެއްއުމުރުގެ ކުޅުންތެރިން ކުޅެން ނިންމާނީ ގަތަރު ނުވަތަ ޗައިނާ ލީގުގައި. އެހެނަސް އަހަރެންގެ ކެރިއަރުގައި އިތުރަށް ކުރިއަށްދިއުމަށް މިގަސްދުކުރީ ބޮޑު ކުލަބެއްކަމަށްވާ ޔުވެންޓަސް ގައި. އަހަރެންނަށް މިވަރުގެ ފުރުޞަތެއް ދިނީތީވެ ޔުވެންޓަސް އަށް ޝުކުރުވެރިވަން." ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ބޭނުމީ ޔުވެންޓަސްގެ ތާރީޚުން ޖާގަ ހޯދަން. އަހަރެން މިހުރީ މިޗެލެންޖާއި މެދު ވަރަށް އުފާވެފައި. އެނގޭ މިއީ ފަސޭހަ ޗެލެންޖެއް ނޫންކަންވެސް، ބޭނުމީ ބުރަ މަސައްކަތުން އިތުރު ކާމިޔާބީތައް ހޯދަން." ރޮނާލްޑޯ ބުންޏެވެ.

"ޗެމްޕިއަންސް ލީގު ޓްރޮފީއަކީ ހުރިހާ އެންމެންވެސް ހޯދުމަށް ބޭނުންވާ ތަށްޓެއް، އެކަމަކު އެއީ ކުރަން އެހައި ފަސޭހަކަމެއްނޫން. އަހަރެން ރެއާލްގައި ހުރެ ތަށި ނެގިއިރު ޔުވެންޓަސް ވަނީ އަހަރެމެންނާއި ވަރަށް ކައިރިން ވާދަކޮށްފައި. އެހެނަސް ފައިނަލްގައި ވާނެ ގޮތެއް ނޭނގޭނެ. މިކަމަށްޓަކައިވެސް އަހަރެން ބޭނުން ހުރިހާ ތަށްޓަކަށް ވާދަކުރަން." ރޮނާލްޑޯ ބުންޏެވެ.

"ޔުވެންޓަސް އިން ދީފައިމިވަނީ ވަރަށް ރަނގަޅު ފުރުޞަތެއް، މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި އިތުރަށް ކުރިއަށް ދިއުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް. ވޭތުވެދިޔަ ހަތްއަހަރު އެމީހުން ލީގްތަށި ހޯދުމަކީ އިއްތިފާޤެއްނޫން، އަހަރެން ވަރަށް ފަޚުރުވެރިވޭ ޔުވެންޓަސް އިން އަހަރެން ގެނައުމަށް ނިންމުމުން. އަހަރެން ބޭނުމީ މިކްލަބް މިހާރު ހުރި ހަރުފަތަށްވުރެ މައްޗަށް ގެންދިއުމަށް." ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ބޭނުން އެހެން ކުޅުންތެރިންނަށް ނަމޫނާއަކަށް ވާން، މީގެއިތުރުން ޒުވާން ކުޅުންތެރިންނަށް އެހީވާން ބޭނުން. އަހަރެން ބޭނުމީ ކްލަބާއިއެކު ހަދާފައިވާ ހަތަރު އަހަރުދުވަހުގެތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް ގިނަ ތަށިތަކެއް ހޯދަން." ރޮނާލްޑޯ ބުންޏެވެ.

އިތުރަށް ބުނީ މިއީ ފަސޭހާ ލީގެއް ނޫންކަމަށާއި އިޓަލީއަށް އައިސް ކުޅުމަކީ ޗެލެންޖެއް ނަމަވެސް ޔުވެންޓަސް އޮތީ ފުރިހަމައަށް ތައްޔާރަށްކަމަށާއި އޭނާވެސް ވަރަށް ރަނގަޅަށް ތައްޔާރުވާން ބޭނުންކަމަަށެވެ.

"މިއީ އަހަރެންނަށް އިތުރު ޗެލެންޖެއް. މިއީ ވަރަށް އުނދަގޫ ލީގެއް އެހެނަސް ޔުވެންޓަސް އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަހަރެންވެސް ބޭނުން ލީގު ފެށެންވާއިރަށް އެންމެ ރަނގަޅަށް ތައްޔާރުވާން."

"ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އަލޭގްރީ އާއި ބައްދަލުކޮށްފިން. މިމަހުގެ 30 ވަނަ ދުވަހު އަހަރެން ޕްރެކްޓިހުގައި ބައިވެރިވާނަން، ލީގްގެ ފުރަތަމަ މެޗުގައި އަހަރެން ކުޅެން ބޭނުން." ރޮނާލްޑޯ ބުންޏެވެ.

ނިމިދިޔަ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ސްޕެއިނާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. މިމުބާރާތުގެ ދެވަނަބުރަށް ޕޯޗުގަލް ދަތުރުކުރިއިރު އޭނާ ވަނީ ޖުމްލަ ހަތަރު ގޯލް ކާމިޔާބުކޮށްދީފައެވެ.