Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހިލަ ބަރުކޮށްގެން ދިޔަ ލޮރީއެއް ފުރޮޅާލައިފި

ފޭދޫ ހިއްކި ދިމާލުގައި ހިލަ ޖެހުމަށް ހިލަ ބަރުކޮށްގެން ދިޔަ ލޮރީއެއް ފުރޮޅާލައި، ދުއްވަން ހުރި ޑްރައިވަރަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔައި ދިން ގޮތުގައި ލޮރީ ފުރޮޅާލި އިރު ލޮރީގައި ހުރީ ޑްރައިވަރު އެކަންޏެވެ.

ލޮރީ ފުރޮޅާލީ ހިލަ އަންލޯޑް ކުރަން އުޅެނިކޮށް، އަރިއަކަށް އަޅާލައިގެންނެވެ.

މި ހާދިސާއާ ބެހޭ ގޮތުން ހިލަ އުފުލުމުގެ މަސައްކަތް ކުރަމުން އަންނަ ލިއޯ ޓްރޭޑިންގެ އޮފިޝަލަކު ބުނީ ލޮރީ ދުއްވަން އިން މީހާ އަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ނަމަވެސް އޭނާގެ ނިތްކުރި އަށް ލިބުނު ޒަހަމަކަށް ފަރުވާ ދީފައި މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.