Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

އެޗްއާރްއެޗްގެ މުވައްޒަފަކު ގޭގައި މަޑުކުރަން އަންގައިފި

އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ މުވައްޒަފަކު ކުއްލި ގޮތަކަށް ގޭގައި މަޑުކުރަން ހެލްތް މިނިސްޓްރީން އަންގައިފި އެވެ.

ގޭގައި މަޑުކުރަން އަންގާފައި ވަނީ ހޮސްޕިޓަލުގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާތާ 7 އަހަރުވެފައިވާ، މުހައްމަދު މުއީން އެވެ.

އޭނާއަކީ ދާދި ފަހުން އައްޑޫ ފެނަކަ ޑިޕާޓްމަންޓުން އިސްތިއުފާ ދީފައިވާ އައިމިނަތު ގުލްފިޝާމްގެ ކޮއްކޮއެކެވެ.

ޕީޕީއެމްގެ ހަރަކާތްތަކުން ގުލްފިޝާމް މިހާރު އެއްގޮތަކަށް ވެސް ނުފެންނަ އިރު، އޭނާގެ ކޮއްކޮ މުއީން ސޯޝަލް މީޑިޔާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް ޚިޔާލު ފާޅު ކުރާ ޒުވާނެކެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް 'އައްޑޫ ލައިވް' އަށް ހޮސްޕިޓަލުގެ ސީނިއާ މުވައްޒަފަކު ބުނި ގޮތުގައި މުއީން ގޭގައި މަޑު ކުރަން އެންގީ "ފޭސްބުކާއި ޓްވިޓާގައި އިދިކޮޅަށް ތާއީދުކޮށް ލިޔާތީ ހޮސްޕިޓަލުގެ ވެރިން ޝަކުވާކޮށްގެން" ކަމަށެވެ.

މުއީން ގޭގައި މަޑުކުރުމަށް ހެލްތް މިނިސްޓްރީން އެންގީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ނިމެންދެން 30 ދުވަހުގެ މުއްދަތަކަށް މުސާރަ ލިބޭ ގޮތަށެވެ. އޭނާ އަށް ހެލްތް މިނިސްޓްރީން ފޮނުވި ލިޔުމުގައި ބަލަނީ ކޮން މައްސަލައެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.

ހެލްތް މިނިސްޓްރީން ދިން ލިޔުމުގައި މުއީން ގޭގައި މަޑުކުރަން އަންގާފައި ވަނީ ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ހަވާލާދީ އެވެ.

މުއީން ގޭގައި މަޑުކުރަން އެންގި އިރު ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހަބީބް ވެސް ގެންދަވަނީ ހިތަދޫގައި ހަރަކާތްތެރިވަމުންނެވެ.