މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުން އިއުލާންކޮށް، އެ ދަރިވަރުންނާއި އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ޙަފްލާ މިރޭ ބާއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ 'ޓޮޕް އެޗީވާސް އެވޯޑް' ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ދަރުބާރުގޭގައެވެ. މިއހަރުގެ މި ޙަފުލާގައިވެސް އޯލެވެލް ގަދަ ދިހައެއްގައި ހިމެނުނު ހުރިހާ ދަރިވަރުންނަށް ސްޓޭޖްމަތިން އެވޯޑް ޙަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.
މިދިޔަ އަހަރު އޯ ލެވެލް އާއި އެސް.އެސް.ސީ އިމްތިޙާނުގައި 5467 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 77 އިންސައްތައެވެ.
އޯ ލެވެލް އިމްތިޙާނުގެ ގަދަ 10 ހޮވުމުގެ ޝަރުތުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ޓޮޕް ޓެން ހޮވަނީ "އޭ"ގްރޭޑް ގެއިތުރުން "އޭ ސްޓާރ"ހޯދާ ދަރިވަރުންގެ ތެރެއިންނެވެ.