Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އިބޫ ވަޑައިގަންނަވަނީ ދަރިފުޅުގެ ގްރެޖުއޭޝަނަށް

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ކެމްޕޭން ރަސްމީ ގޮތެއްގައި ފައްޓަވައިދެއްވުމަށް ފަހު ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ ދަރިކަނބަލުންގެ ގްރެޖުއޭޝަނަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިބޫގެ ކުއްލި ދަތުރާއެކު ސޯޝަލް މީޑިޔާގައި އެކި ބޭފުޅުން ވާހަކަ ފަތުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ސާފު ކޮށްދެއްވުމުގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

ރިޔާސީ ކެމްޕޭން އިދިކޮޅު އިއްތިހާދުން ފަށާފައިވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި ފުވައްމުލަކުންނެވެ. އައްޑޫ ސިޓީގައި ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ ރަނިންމޭޓު ފައިސަލް ނަސީމްވެސް ވަޑައިގެންނެވުމަށް ފަހުގައެވެ. އައްޑޫ ސިޓީގައި ޑޯ-ޓު-ޑޯ ކެމްޕޭނެއް ޖެއްސެވުމަށް ފަހު ކެމްޕޭން ޓީމުން ވަނީ ފުވައްމުލަކަށް ވެސް ދަތުރުކޮށް، އެސިޓީގެ ރައްޔިތުންނާ ވެސް ބައްދަލުކޮށްފައެވެ.

މި ދަތުރުގައި އިބޫ ވިދާޅުވެފައިވަނީ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަކީ އަމާޒެއް ކަމަށެވެ. އިބޫއާއި ފައިސަލަށް އައްޑޫއާއި ފުވައްމުލަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.