Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

މަސްވެރިންނަށް ޚާއްސަ ކާޑެއް ދޫކުރާނަން: ރައީސް

ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ދިވެހި ރާއްޖޭގެ މަސްވެރިންނަށް ޚާއްސަ ކާޑެއް ދޫކުރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވައުދުވެއްޖެއެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ނުފުއްދޭނެ ވަރުގެ ވައުދުވާނެ ބޭފުޅެއް ނޫން ކަމަށެވެ. 35 ޑޮލަރަށް މަސް ކިލޯއެއް ކިރޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާނުލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވެ ވައުދުވެޑައިގެންނެވީ މަސްވެރިންނަށް ޚާއްސަ ކާޑެއް އުފައްދާނެ ކަމަށެވެ. އޭގެ ބޭނުމަކީ އާންމު ޚިދުމަތްތައް ހޯދާއިރު ކިޔޫގައި ޖެހިގެން ޚިދުމަތް ހޯދުމުގެ ބަދަލުގައި މަސްވެރިންނަށް ވަގުތުން ޚިދުމަތްތައް ހޯދުމަށް މަގުފަހި ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމާއި އައިޑީ ކާޑު، ޕާސްޕޯޓު ހެއްދުމާއި އިމިގްރޭޝަނަށް ގޮސް ހޯދާ ޚިދުމަތްތަކުގައި އެ ކާޑު ދައްކާލުމުން ވަގުތުން ޚިދުމަތް ލިބޭނެ ކަމަށް އަލި އަޅުވާލައި ރައީސް ޔާމީން ވަނީ ހޯރަފުށީ ރައްޔިތުން ކުރިމަތީގައި ދިވެހި ރައްޔިތުންނަށް ވައުދު ވެވަޑައިގެންފައެވެ.

ރައީސް ޔާމީން މިފަދަ ވައުދެއް ވެވަޑައިގެންފައިވަނީ މިދިޔަ ދައުރުގެ ރިޔާސީ ކެމްޕޭނުގައި ވެސް ބޮޑެތި ވައުދުތަކެއްވެ، އެވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ދައުރު ނިމޭ އިރުވެސް ފުއްދައިނުދެވޭތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.