Last Updated: April 25, 11:51
Thursday, April 25, 2024
ރިޕޯޓް

މަސްވެރިންނަށް އާ ވައުދެއް؛ ބެޔަސް ނުބެޔަސް މިހާރަކު ނެތް!

ރާއްޖޭގެ މަސްވެރިންތަކެއް މަސް ބާނަނީ – ފޮޓޯ: ކުރެދޫ

ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގިނަ ވައުދުތަކާއި އެކުއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވައުދުތަކާއި ތަފާތު އާ ފަލްސަފާ ތަކާއިއެކުއެވެ. މަސްވެރިންނާއި، ދަނޑުވެރިންނާއި ވިޔަފާރިވެރިންނާއި، ނިކަމެތިންނާއި މުއްސަނދިން ތަފާތުކުރުމެއް ނެތި، ހުރިހާ ރައްޔިތުން އާސްމާނަށް ގެންނާނެ ފަދަ ވައުދުތަކާ އެކުގައެވެ.

އޭގެ ތެރެއިންވެސް ފާއިތުވެ މިދާ ދުވަސްތަކުގައި ރައީސް ޔާމީންގެ ކެމްޕޭނު ޓީމުތަކުން އެންމެ ފޯރިއާއި ޖޯޝާއެކު ރައްޔިތުންނާ ހަމައަށް ގެނެސްދޭ ވައުދަކީ މަސްވެރިންނަށް ޚާއްސަ ވައުދެކެވެ. "ބެޔަސް ނުބެޔަސް 10،000 ރުފިޔާ"ގެ ވައުދެވެ. މުރާދަކީ މަސްވެރިން މަސް ބޭނިޔަސް، ނުބޭނިޔަސް، ގޭގައި ދެއަށް އުރާލައިގެން ތިއްބަސް، މަހެެއްގެ މައްޗަށް ކޮންމެ މަސްވެރިޔަކަށް 10،000 ދިވެހި ރުފިޔާ ލިބިގެންދާނެ ވައުދެވެ.

ރައީސް ޔާމީން އިންތިޚާބުގެ ދެވަނަ ބުރުން ފުރިހަމަ ކާމިޔާބީއެއް ނަޝީދުގެ މައްޗަށް ހޯދައި، ކޯލިޝަން އެކީ ބާރަށް އަތް ޖަހަން ތިއްބާ ފެނިގެން ދިޔައީ ކެބިނެޓު އިއުލާން ކުރެވުނު ތަނެވެ. ފިޝަރީޒް މިނިސްޓަރަކަށް ގެންނެވީ ނުހަނު ގާބިލު ބޭފުޅެކެވެ. ކެރޭ، މުރާލި، ޖޯޝު ވަރުގަދަ ޒުވާން ބޭފުޅެކެވެ.

ރިޔާސީ ދައުރަށް އެއް އަހަރު ފުރިގެން ދިޔައިރުވެސް މަސްވެރިންނަށް 10،000 ރުފިޔާގެ ހިލަމެއްވެސް ނުވިއެވެ. ނުވީތާކަށް ބެޔަސް ނުބެޔަސްގެ ޚަބަރެއްވެސް ނުވިއެވެ. ވެގެން އުޅޭ ގޮތް ބަލާލިއިރު ބެޔަސް ނުބެޔަސް 10،000 ވެގެން ދިޔައީ ބައެއް ރަށު ކެމްޕޭން ޓީމުތަކުން ރަށް ރަށުގައި ޖޯޝު އިތުރުކުރުމަށް ޖަހާލި ބެނާއަކަށެވެ.

އެއީ ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދަކަށް ވެސް ނުވިއެވެ. ދެ ތިން އަހަރު ފާއިތުވެ ހާސިލުވި މިންވަރު ކިޔާދިން އިރު ބެޔަސް ނުބެޔަސްގެ ހިލަމެއް ނުވިއެވެ. ވައުދުތަކުގެ %90 ހާސިލުވެއްޖެ ކަމަށް ވަޒީރު ދަނީ ވިދާޅުވަމުންނެވެ.

އަނެއްކާވެސް އާ ދައުރަކަށް އިންތިޚާބު ކޮށްދިނުމަށް އެދި "އާދޭސް" ކުރާ މަންޒަރު އެބަފެނެއެވެ. މަސްވެރިން މުހިންމު ވެއްޖެއެވެ. މަސްވެރިންނަކީ ގައުމުގެ އިގްތިސޯދުގެ މައި ލޭ ނާރަށް އަނެއްކާވެސް ވެއްޖެއެވެ. މިފަހަރު އާ ވައުދުތަކެކެވެ. ކިޔޫގައި ނުޖެހި ޚިދުމަތް ހޯދުމުގެ ވައުދެވެ. ރައީސް ޔާމީން ހދ. ނޮޅިވަރަންގައި ވިދާޅުވީ މަސްވެރިންނަށް ޚާއްސަ ކާޑެއް ދޫކޮށް، އެކާޑު ދައްކާލުމުން ކިޔޫގައި މަޑުކުރުމެއް ނެތި ހޯދަން ބޭނުންވާ ޚިދުމަތެއް ހޯދުމުގެ މަގު ފަހި ކޮށްދޭނެ ކަމަށެވެ.

ރައީސް އެދިވަޑައިގަންނަވަނީ އެންމެ ކަމަކަށެވެ. އެއީ ރައްޔިތުންގެ ސިކުނޑި ތަނަވަސް ކޮށްލުމެވެ. ވޯޓު ކަރުދާހުގައި ވޯޓުލާއިރު މަސްވެރިންގެ ކާޑާމެދު ފުންކޮށް ވިސްނާލުމަށެވެ.

ވޯޓުލާން ވަޑައިގަންނަވާއިރު ކާޑުގެ ބަދަލުގައި ސިކުނޑިއާއި އެކު ވަޑައިގަތުމަށެވެ.