އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓާ ހަމައަށް ދާއިރު، "ލައްކަ ގިނަ ވާހަކަ" މީހުން ދައްކާނެ ކަމަށާއި ވޯޓުލާން ދާއިރު ސިކުނޑި ގޭގައި ބާއްވާފައި ނުދިއުމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށާއި މާފިނޮޅުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންތިޚާބާ ހަމައަށް ދާއިރު، ރައްޔިތުން ގެންގުޅެން ވާނީ ތަނަވަސް ސިކުނޑިއެއް ކަމަށާއި ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދިއުމަށެވެ.
"ވޯޓާ ހަމައަށް ދާއިރު، ސިކުނޑި ތަނަވަސްކޮށް ސިކުނޑި ހުޅުވައިގެން ވަޑައިގަންނަވާ. ގޭގައި ސިކުނޑި ބާއްވާފައި ވަޑައިނުގަންނަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން އަބަދުވެސް ދައްކަނީ ކުރެވޭނެކަންކަމުގެ ވާހަކަތައް ކަމަށާއި، ފައިސާ ހޯދަން ނޭގޭ ބަޔަކަށް ވެރިކަން ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އިިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ "ފަޒާ"ގައި ގެދޮރު އަޅަން ނުވިސްނައި ހަމަބިމުގައި ތިބެ ތަރައްޤީ އާއި އެކު ރައްޔިތުން ކުރިއަށް ދާން ޖެހެކަމަށެވެ. އަދި ތަރައްޤީ ގެނެވޭނީ ގައުމުގައި ހަމަޖެހުން އޮވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހޯރަފުށިން ޕީޕީއެމްއަށް ލިބޭ ތާއިދަށް ޝުކުރު ދަންނަވައި އެގޮތުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގެންފައެވެ.