Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބޭރަށް ހިންގުން ފެތުރޭތީ، ސަމާލުވާން އަންގައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) - ފޮޓޯ: ސަން

މިދުވަސްވަރު ރާއްޖޭގެ އކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެހެން އަހަރުތަކުގައިވެސް މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެބަލިތައް ހާއްސަކޮށް އުޅެނީ މާލޭގައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާއްމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީޢާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްކާތެރި ބޯފެން ބޭނުންކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާޚާނާ ކުރުމަށްފަހު އާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ހޮޑުލާ، ބޭރަށް ހިންގާނަމަ ކުރެވިދާނެ ކަންތައްތައް ވެސް އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގިނަ ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި ކާތަކެތި ކެވޭނަމަ، މަދު އެތިކޮޅުކޮޅުން އަވަސް އަވަހަށް ކެއުން ހިމެނެއެވެ. ނަމަވެސް ކުޅި، ހަވާދުލީ އަދި ތެޔޮ ކާބޯތަކެތި ބޭނުން ނުކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭ އިން ވަނީ ބޭރަށް ހިންގުން ޖެހިފައިވާނަމަ، ކާބޯތަކެތި ތައްޔާރުކުރުމުގައި ޙަރަކާތްތެރި ނުވުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

– އާދަޔާ ޚިލާފަށް އަނގަތެރެ ހިކި، ކަރުހިއްކުން
– ކުޑަކަމުދާ މިންވަރު މަދުވުން
– މާ ބޮޑަށް ވަރުދެރަވެ، ދިޔާ ތަކެތި ބޭނުން ނުކުރެވުން
– އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން
– ތުއްތު ކުދިން ހުއްޓާ ނުލާ މާ ބޮޑަށް ރުއިން ނުވަތަ އާދަޔާ ޚިލާފަށް ޙަރަކާޓް މަޑުވުން
– ހޮޑުލެވޭއިރު ނުވަތަ ބޮޑުކަމުދާއިރު ލޭ ހުރުން

ވީމާ، މީގެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސް ނުކޮށް ސިއްޙީ އެހީތެރިއެއްގެ ލަދާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.