Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ރަނިންމޭޓަކަށް އެމްޑީޕީން ފައިސަލް ބަލައިގެންފި

ރަނިންމޭޓުކަން ލިބިވަޑައިގެން ފައިސަލް އައްޑޫއަށް ވަޑައިގެން ރިޔާސީ ކެންޑިޑޭޓު އިބޫ އާއި ބައްދާލަނީ

ގުޅިފައިވާ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓަކަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ބަލައިގަތުމަށް އެމްޑީޕީގެ ގައުމީ މަޖްލިސްއިން ފާސްކޮށްފިއެވެ.

ފައިސަލް ރަނިންމޭޓުގެ ގޮތުގައި ބަލައިގަތުމަށް ނިންމީ މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ގައުމީ މަޖްލިސްގެ 164 ވަނަ ބައްދަލުވުމަށް ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރަށް މުހައްމަދު ޝިހާބު ތާއިދު ކޮށް ފާސް ކުރުމާއި ގުޅިގެންނެވެ.

އިބޫ އަދި ފައިސަލް އައްޑޫގައި ކެމްޕެއިން ކުރައްވަނީ

ފައިސަލް އިއްތިހާދުގެ ކެންޑިޑޭޓު އިބޫގެ ރަނިންމޭޓަކަށް ހޮވުނީ ރަނިން މޭޓު ކަނޑައެޅުމަށް ޖުމްހުރީ ޕާޓީއަށް ދިން ފުރުސަތުގައި ރަނިންމޭޓުގެ މަގާމަށް ކުރިމަތި ލައްވައި 4 ކެންޑިޑޭޓުންނާއި ވާދަކޮށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖުމްހުރީ ޕާޓީގެ ކައުންސިލް ސިއްރު ވޯޓުން ފައިސަލް ނަސީމް 15 ވޯޓު ހޯއްދެވި އިރު ފައިސަލް އާއި އެންމެ ކައިރިން ވާދަކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއަށް ލިބިވަޑައިގަތީ 14 ވޯޓެވެ.

ފައިސަލް ވަނީ ހޮނިހިރު ދުވަހު ހެނދުނު އައްޑޫއަށް ވަޑައިގެން އިއްތިހާދުގެ ކެންޑިޑޭޓު އިބޫ އާއި އެކު ހުޅުމީދޫ، ފުވައްމުލައް އަދި އައްޑޫގެ އެހެނިހެން ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.