Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެހީ ބޭނުންވާ މީހުންނަށް ފާހަގަ ޖަހައި ދޭނީ އީސީ އޮފިޝަލުން!

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް - ފޮޓޯ: ޓްވިޓާ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާންދާން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން އެހީތެރިވެދޭ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެކަމާއި ގުޅޭގޮތުން އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓު ލުމަށް އެހީތެރިވާނީ ވޯޓު ލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެއް ކަމަށެވެ.

އަކްރަމް ވިދާޅުވީ އެގޮތަށް ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭން ކަމަށެވެ.

"މިގޮތަށް ނިންމީ އެހެން ޤައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލައިފައި ބެސްޓް ޕްރެކްޓިސްއަކީ މިއީ ކަމަށް ބަލައިގެން،" އަކްރަމް ވިދާޅުވި އެވެ.

މީގެ ކުރިން އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހެއްގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި ކޮންމެ އެހީތެރިއަކަށް ވެސް އެހީތެރިވެދެވޭނީ ވޯޓު ލާން އަންނަ އެކަކަށް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު އެ މާއްދާއަށް ގެނައި އިސްލާޙްގައި ބުނެފައި ވަނީ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެއް ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމާ އެކު އެ ނިންމުމަށް އިދިކޮޅު ފަރާތްތަކުން ދަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.