Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އަދާލަތުގެ އޮފީހުގެ މައުލޫމާތު ދޭން އަންގައިފި

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު

އަދާލަތު ޕާޓީގެ އޮފީސް ހުންނަތަން ނޭނގޭ ކަމަށާއި އެ އޮފީސް ހުންނަތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޙިއްސާކޮށް އާންމުކުރުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.

އީސީގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ އޮފީސް ބަންދުކޮށްފައި ހުންނަކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެ ޕާޓީ ހުންނަތަނާއި، ހުޅުވިފައި ހުންނަ ވަގުތުތައް އެ ކޮމިޝަނަށް އަންގައި އެކަން އާއްމުކޮށް އިއުލާން ކުރުމަށް އެ ޕާޓީއަށް އިލްތިމާސް ކޮށްފައިވާ ކަމަށްވެސް އެ ޓްވީޓްގައި ވެއެވެ.

މިހާރު އިދިކޮޅު ކޯލިޝަން އާއި ގުޅިގެން މަސައްކަތްކުރާ އަދާލަތު ޕާޓީގެ މުހިންމު ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްތައް ވެސް އެ ޕާޓީގައި އޮފީހުގައި ބާއްވަ އެވެ.

މިކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު އާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އެ ޕާޓީގެ އޮފީސް ހުންނަ އެޑްރެސް އިލެކްޝަންސް ކޮމިޝަންގައި ހުރި އެޕާޓީއާއި ގުޅޭ ލިޔެކިޔުންތަކުގައި ހުންނާނެކަމަށާއި، އެ ޕާޓީގެ ވެބްސައިޓުންވެސް އެ މައުލޫމާތު ލިބެން ހުުންނާނެ ކަމަށާއި، އެކަން އާއްމުކޮށް އިއުލާނުވެސް ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ އެޕާޓީގެ އޮފީސް ރަސްމީ ގަޑީގައި ހުޅުވާފައި ހުންނާނެ ކަމަށާއި މުހިއްމު ކަމެއް ދިމާވެގެން މެނުވީ ބަންދުކޮށްފައިވެސް ނުހުންނާނެ ކަމަށެވެ.