Last Updated: April 25, 11:25
Thursday, April 25, 2024
ކުޅިވަރު

އައިސްލޭންޑްގެ ކޯޗްކަމުން ހެލްގްރިމްސަން ވަކިވެއްޖެ

ފަހުގެ ތާރީޚެއްގައި އައިސްލޭންޑުން ހޯދި ކާމިޔާބީތަކުގެ މުގުލުގައި ހުރި ހެއިމާ ހެލްގްރިމްސަން އެޤައުމުގެ ކޯޗުކަމުން އިސްތިއުފާދީފިއެވެ.

އައިސްލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ އިސްތިއުފާ ދިން ކަން ކަށަވަރުކޮށްދީފައިވާއިރު ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.

ބެލެވޭގޮތުުގައި އޭނާ ކޯޗުގެ މަޤާމުން ވަކިވީ ނިމިދިޔަ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން އެޓީމު ކަޓައިގެންދިއުމުގެ ސަބަބުންނެވެ.

މުޅި ދުނިޔެ ސިއްސުވާލުމަށްފަހު އެންމެފަހުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް އައިސްލޭންޑް ގެންގޮސްދިނުމުގައި އިސްދައުރެއް އަދާ ކުރި އުމުރުން 51 އަހަރުގެ ހެލްގްރިމްސަން އެޤައުމުގެ އެސިސްޓެންޓް ކޯޗުކަމާއި ޙަވާލުވީ 2011 ވަނަ އަހަރުގައެވެ. އޭގެފަހުން 2013 ވަނަ އަހަރު ހެޑްކޯޗެއްގެ ގޮތުގައި އުޅެފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު 56 މެޗުގެތެރެއިން 23 މެޗުން މޮޅުވިއިރު 11 މެޗުން އެއްވަރުވެ، 22 މެޗުން ބަލިވެފައިވެއެވެ.

އައިސްލޭންޑްގެ ޤައުމީޓީމާއި ޙަވާލުވުމުގެކުރީން އޭނާ މުޅިންވެސް ކޯޗުކޮށްދިނީ އެޤައުމުގެ ކްލަބްތަކަށެވެ. އޭގެއިތުރުން އޭނާ އަކީ ކުރިން ޑެންޓިސްޓެއްގެ ވަޒީފާއަދާކުރަމުން އައި މީހެކެވެ.

މިފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި އައިސްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އާ އެއްވަރުކުރި ނަމަވެސް ގްރޫޕް ޑީ ގެ އަނެއް ދެޓީމު ކަމަށްވާ ނައިޖީރިއާގެ އިތުރުން ވޯލްޑްކަޕްގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެންދިޔައީއެވެ.