Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ޓިމް ކޭހިލް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އޮސްޓްރޭލިއާގެ ޓިމް ކޭހިލް ޤައުމީޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 38 އަހަރުގެ ޓިމް ކޭހިލް އަކީ މި ވަގުތު އޮސްޓްރޭލިއާ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އިން ވިދާލި ކޭހިލް އަކީ މިޑްފީލްޑަށް އަދި ފޯވަޑަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.

ކޭހިލް ވަނީ ޤައުމީޓީމަށް ކުޅުނު 107 މެޗުގައި ޖުމްލަ 50 ގޯލް ހަމަކޮށްފައެވެ. މީގެއިތުރުން އޭނާ ވެފައިވަނީ އެޤައުމުގެ ވޯލްޑްކަޕް ތާރީޚުގައި ވިދިވިދިގެން ހަތަރު މުބާރާތުގައި ކުޅެ ތިން މުބާރާތުގައިވެސް ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

އެގޮތުން އޭނާ ވަނީ ފީފާ ވޯލްޑްކަޕް 2006، 2010، އަދި 2014 ގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ.

ކޭހިލް ޤައުމީޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށް އިއްޔެ ކުރި ޓްވީޓެއްގައިވަނީ "މިއަދަކީ ރަސްމީކޮށް އަހަރެން ޤައުމީޓީމަށް ކުޅުން ހުއްޓާލި ދުވަސް. ޤައުމީޓީމަށް ކުޅުމުގެ ފުރުޞަތުލިބުމަކީ ދުލުން ބަޔާންކުރަން ދަތި އިހްސާސްތަކެއް. އަހަރެން އޮސްޓްރޭލިއާގެ ޖާޒީގައި ކުޅުނު ދުވަސްވަރު ދިން ސަޕޯޓަށް ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވަން." މިހެންނެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ޤައުމީޓީމަށް 107 މެޗު ކުޅެދީ އެންމެގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓްގެ ދެވަނައިގައެވެ. އޮސްޓްރޭލިއާ އަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވަނީ 109 މެޗު ހަމަކުރި ގޯލްކީޕަރު މާކް ޝްވާޒަރ އެވެ.

އޮސްޓްރޭލިއާގެ ޖާޒީގައި ކޭހިލް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2004 ވަނަ އަހަރުގެ މާރިޗް މަހުގެ 30 ވަނަ ދުވަހު ދެކުުނު އެފްރީކާ އާއި ދެކޮޅަށެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޤައުމީޓީމަށް ކުޅުނު އެންމެފަހު މެޗުގައި ނިކުތީ މިފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ޕެރޫ އަތުން 2-0 އިން ބަލިވި މެޗުގައެވެ.