Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

އަދާލަތުގެ ބައެއް މެމްބަރުންނާ އިލްޔާސް ބައްދަލުކޮށްފި

ފޮޓޯ: ރާއްޖެ.އެމްވި

އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް ހުސައިން ބައްދަލު ކުރައްވައިފިއެވެ.

އަދާލަތު ޕާޓީގެ އޮފިހުގައި މިބައްދަލުވުން ބޭއްވުނީ ރޭގެ ވަގުތެއްގައެވެ. އެ ޕާޓީގެ އާއްމު ބައެއް މެމްބަރުންނާއި އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ޕާޓީން ދެއްވާފައިނުވާކަން ފާހަގަ ކުރެވެއެވެ. ޝައިޚް އިލްޔާސް ރާއްޖެ ވަޑައިގެންފައި ވަނީ ޤައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހުގައެވެ.

އަދާލަތު ޕާޓީއިން ދަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ބައެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ޖަލަށް ގެންދެވުނު މައްސަލައިގާ ސަރުކާރާއި އެ ޕާޓީއާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ރައީސް ޔާމީނުގެ ރަނިންމޭޓްގެ މަޤާމް އެރުވުމުން ކުރިން އެ ޕާޓީގައި އިސްކޮށް އުޅުއްވި ޑރ. ޝަހީމް އަލީ ސައީދު ވަނީ އެކަން ޤަބޫލު ކުރައްވާ ރައީސް ޔާމީނާއެކު ކެމްޕޭން ކުރައްވަން ފައްޓަވާފައެވެ. ޑރ. ޝަހީމް ވަނީ ޝެއިޚް އިލްޔާސް އަދި ޝެއިޚް އިމްރާން އެބޭފުޅުންނާއިއެކު ވަޑައިގަތުމަށް ގޮވާލައްވާފައެވެ. އަދިވެސް ވަރަށް ގާތް ގުޅުމެއް ޝެއިޚް އިމްރާނާއިއެކު އޮންނަ ކަމަށް ޑރ. ޝަހީމްވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ނެންގެވި ފިޔަވަޅަކީ ކަމުނުދާ ފިޔަވަޅެއް ކަމަށް ޝެއިޚް އިލްޔާސްވަނީ ވިދާޅުވެފައެވެ. ނުސީދާކޮށް ކްރެއްވި ބައެއް ޓްވީޓްތަކުގައި އެކަން ފާހަގަ ކުރައްވާފައިވެއެވެ.