Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު

ވޯޓް ނުލެވޭ ނަމަ އިހުތިޖާޖު ކުރޭ: އީސަ

ސެޕްޓެމްބަރު 23 ގައި ވޯޓު ލެވޭނެ ކަމުގެ ޔަޤީންކަން ނެތް ރިސޯޓްތަކުގެ މުވައްޒަފުންނަށް އެހައްޤު ހޯދުމަށް އިހްތިޖާޖު ވެސް ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޓޫރިޒަމް އެމްޕްލޯޔީސްގެ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ އެއް ބާނީ އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުންނާއި ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމިއްޔާ، ޓީމް އިން ދައްކާ ވާހަކަ އަޑު ނާހައި، އިލެކްޝަންސް ކޮމިޝަނުން އިތުރު ރަށްރަށުގައި ވޯޓު ފޮށި ބަހައްޓައި ނުދީފި ނަމަ، އެ މުވައްޒަފުންނަށް ވޯޓުލާން ދިޔުމުގެ އިންތިޒާމް ރިސޯޓްތަކުގެ މެނޭޖްމަންޓުން ބޮޑު ޚަރަދުކޮށްގެން ވެސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އީސާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވަނީ ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ މީގެ ކުރިން ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށް އިލެކްޝަނުން ބުނެފައިވާ ވާހަކައަށް ރައްދު ދެއްވާފައެވެ. އީސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެއްވެސް ރިސޯޓަކަށް އެއްވެސް ހުރަހެއް އެޅޭނެ ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ މާހައުލެއް އޮތް ކަމަށް ދައްކަން ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓްތަކަށް ގުޅައި، އިލެކްޝަންސް ކޮމިޝަނަށް ރިސޯޓްތަކަށް ގުޅުމަށް ފަހު އެރިސޯޓްތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އެކޮމިޝަނަށް އެންގުމަށް އިރުޝާދު ދެމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަދަ ބާރުން ކަންތައް ކުރުވަން އުޅޭ ކަމަށް ފެންނަ މިކަމަށް އިޝާރާތް ކުރައްވާ އީސަ ވިދާޅުވެފައިވަނީ އެހެން އެންގުމުގެ ބާރު ރިސޯޓްތަކަށް ނޯންނާނެ ކަމަށާއި، ރިސޯޓްތަކަކީ ޓޫރިޒަމް މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ އެންމެ ގިނަ މީހުންނަށް ވޯޓު ލެވޭނީ ކޮންތާކު ފޮށި ބަހައްޓައިގެންތޯ ބަލައި، އެކަން ކުރުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ތާކުންތާކު ނުޖެހޭ ވާހަކަ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން ވޯޓުލުމުގެ ހައްޤަކީ އެންމެންނަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށާއި، ބޮޑު ޚަރަދުކޮށްގެން ވެސް މިހައްޤު ކަށަވަރުކުރަން ރިސޯޓްތަކުގެ މެނޭޖްމަންޓުން އިސްކަން ދޭން ޖެހޭނެ ކަމަށް އީސަ ވިދާޅުވިއެވެ. އަދި އެހައްޤު ނުލިބިއްޖެ ނަމަ އިހްތިޖާޖްކުރުމުގެ ހައްޤު މަސައްކަތްތެރިންނަށް ވެސް އޮންނާނެ ކަމަށް އީސަ ފާހަގަކުރެއްވިއެވެ.

އެންމެ ހަތް ވޯޓުފޮށި ރިސޯޓްތަކުގައި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ދަނީ އެ ކޮމިޝަނަށް އަމާޒު ވަމުންނެވެ. ވަކި ބަޔަކަށް ވޯޓް ގިނަ ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރައްވަނީ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.