Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ދިއްލީގެ ކެބިން ކްރޫއަކު އަމިއްލަ އަށް މަރުވެއްޖެ

އިންޑިއާގެ ނިއު ދިއްލީގެ އަންހެން ފްލައިޓް އެޓެންޑެންޓެއް އަމިއްލަ އަށް މަރުވެއްޖެ އެވެ.

މިކަން ދިއްލީ ޕޮލިހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އޭނާ އަމިއްލައަށް މަރުވެފައިވަނީ ފިރިމީހާއާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

39 އަހަރުގެ ޖަރުމަން އެއަރލައިންގައި މަސައްކަތް ކުރާ އަނީޝިއާ ބަތްރާ އާއި އޭނާގެ ފިރިމީހާ މަޔަންކް ސިންގްވީ ލޯބީގެ ގޮތުން ގުޅި ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ. އޭނާގެ ފިރިމީހާ އަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއްކަން އެނގުނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް ބުނެވެއެވެ.

ދިއްލީގެ ސީނިއަރ ޕޮލިސް އޮފިސަރަކު ބުނީ އަނީޝިއާގެ ފިރިމީހާ ކުރިން މީހަކާއި އިނދެފައިވާ ކަން އޭނާއަށް އެނގިފައިނުވާ ކަމަށެވެ. އެހެން ކަމުން ކުރީގެ ގުޅުމުގެ ހަބަރު ލިބުމުން އޭނާއަށް ވަރަށް އަސަރު ކުރި ކަމަށެވެ. ބެލެވޭ ގޮތުން އެކަމުގައި ދެމީހުންގެ ދެމެދުގައި ޒުވާބުތަކެއް ހިނގީ ކަމަށް އޮފިސަރު ބުންޏެވެ.

އަނީޝިއާ މަރުވެފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ޓެރެސް އިން ފުންމާލައިގެން މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ އާއިލާއިން ވަނީ ސިންގްވީ އަނީޝިއާއަށް އަނިޔާކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ސިންގްވީ ވަނީ ހޯމަދުވަހު ހައްޔަރުކޮށް ކޯޓަށް ގެންދެވިފައެވެ. އަދި ތަހުގީގަށް 14 ދުވަހަށް ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައެވެ.

ދިއްލީގެ ޕޮލިހުން ދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.