Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ޕްރައިމަރީން ފާރިސް ބަލިކުރަން 7 މިލިއަން ހަރަދު ކުރި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހޮވުމަކީ ޕީޕީއެމަށް ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ބަސްފުޅަށް ރައްދު ދެއްވާ، ފާރިސް ޕްރައިމަރީގަ ބަލިކުރަން 7 މިލިއަން ހަރަދު ކުރިކަން އޭނާ ހަނދާން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ އޭނާގެ ޓްވިޓާ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ފާރިސް މައުމޫން ޖަލަށް ގެންދެވުނާ 1 އަހަރު ފުރުމާއި ގުޅިގެން ފާރިސް ދޫކޮށްލުމަށް ގޮވާލާ ފޮޓޯއެއް އެ ޓްވީޓްގައި ވަނީ ހިމަނާފައެވެ.

ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ " ފާރިސް ހޮވުމަކީ ޕީޕީއެމް އަށް ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ޔާމީން ވިދާޅުވި އިރު، ފާރިސް ޕްރައިމަރީގަ ބަލިކުރަން 7 މިލިއަން ރުފިޔާ ޚަރަދު ކުރިކަން އަޅުގަނޑު ހަނދާން އެބަހުރި. ކެމްޕޭން ޖަލްސާއަކަށް އެންމެ ފަހު ވަގުތު ދިއްގަރަށް ޔާމީން ވަޑައިގަތުމުގެ އިތުރަށް ފާރިސް ހޮވަން އެއްވެސް މަސައްކަތެއް ނުކުރޭ" މިހެންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނަށާއި ސަރުކާރުން ކަންތައް ކުރިޔަށް ގެންދަވާ ގޮތްތަކަށް މަހްލޫފް ވެފައިވަނީ ވަރަށް ކެރިގެން ފާޑުވިދާޅުވާ ބޭފުޅަކަށެވެ. އެބޭފުޅާގެ ޓްވިޓާ މެދުވެރިކޮށް މިފަދަ ކަންތަކަށް ވަރަށް ގިނައިން އަލިއަޅުވާލާކަން ފާހަގަ ކުރެވެއެވެ.